04 Jun 2013, 14:17
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން މިހާރު ނަގަމުން އަންނަ އަށް ޕަސެންޓުގެ ޓީޖީއެސްޓީ، 15 ޕަސެންޓަށް ބޮޑު ކުރުމަށް ޖީއެސްޓީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ވައްދައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވާނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ޖީއެސްޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައި ބުނެފައި ވަނީ ޓޫރިޒަމްގެ ދާއިރާގެ މުދަލާއި ހިދުމަތުން ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ނަގަމުންދާ އަށް ޕަސެންޓު، މި މަހުން ފެށިގެން 15 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ.
ޖީއެސްޓީ ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ދާއިރާ އިން 2011 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުންދަނީ 3.5 ޕަސެންޓެވެ. އަދި މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ނަގާފައި ވަނީ ހަ ޕަސެންޓެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުންދާ އަށް ޕަސެންޓު، 15 ޕަސެންޓަށް ބޮޑު ކުރުމަށް އިސްލާހު ހުށަހަޅާފައިވާ ބިލުގައި ޖީއެސްޓީ ބޮޑު ކުރުމަށް ހުށަހަޅާފައެއް ނުވެ އެވެ.
ރިޔާޒު ހުށަހަޅުއްވާފައިވާ ބިލުގައި ޖީއެސްޓީ ދައްކަން ނުޖެހޭ ބާވަތްތަކުން ނުވަތަ ސުންރޭޓުގައި ޖީއެސްޓީ ދައްކަންޖެހޭ މުދަލާއި ހިދުމަތްތަކުގެ ލިސްޓުން ޑީސަލާއި ޕެޓްރޯލް އުނިކުރުމަށް ހުށަހަޅާފައިވެ އެވެ. އެ ލިސްޓުން ޑީސަލާއި ޕެޓްލޯލް އުނިކޮށްފި ނަމަ އެ ދެ ބާވަތްތަކުން ޖީއެސްޓީ ނަގަން ލާޒިމްވާނެ އެވެ.
ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ވައްދާފައި ވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން ސާވިސް ޗާޖު 30 ޑޮލަރު ބޮޑު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލާފައި ވަނިކޮށެވެ. އެ އިސްލާހު މަޖިލީހުން ބޭރުކޮށްލީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެންބަރުން ވޯޓު ދީގެންނެވެ.