ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާ އިން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ އަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އަލުން އިސްލާހު ކުރުމަށް މިއަދު ކޮމެޓީ އަށް ފޮނުވައިފި އެވެ.

ބިލް އަނބުރާ ފޮނުއްވާލައްވަމުން ރައީސުލްޖުމްހޫރީއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެހެން ގާނޫނުތަކުން އުފެދިފައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތާ ބެހޭ މާއްދާތައް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލްގައި އުވާލުމަށް ކަނޑައަޅާފައިވުމުން ގާނޫނީ ގޮތުން ތަޢާރުޒުވުންތަކެއް އުފެދޭ ކަމަށެވެ. އަދި ބިލްގައި ބުނެފައި ނެތް މުއައްސަސާތަކަށް ނުވަތަ އިދާރާތަކުގެ މައްޗަށް ބިލްގައި ބުނާ އުސޫލުތައް ހިންގުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރީއްޔާގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ޕޭ ކޮމިޝަނުން ކަނޑައަޅާ މުސާރަ އާއި މުސާރައިގެ ސިޔާސަތުތައް ފަދަ ނިންމުންތަކަށް އަމަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އޮތުމުން އެ ކޮމިޝަނަކީ ތަންފީޒީ އިދާރާއެއް ނޫން ކަން އެނގޭ ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެ ކޮމިޝަންގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެއް ކަމަށް ނުވާތީ އެ ކޮމިޝަންގެ ނިންމުންތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ކޮމެޓީ އަށް ފޮނުވުމަށް ފާސްވެފައި ވަނީ 26 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް މަޖިލީހުން ކުރިން ވެސް ފާސްކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ރައީސުލްޖުމްހޫރީއްޔާ އަށް ތަސްދީގު ކުރުމަށް މަޖުބޫރުވާ ގޮތަށް ބިލް ފާސްކުރުމަށް ވެސް އިސްލާހު ހުށަހެޅުނެވެ. އެ އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ނަމަވެސް އެ އިސްލާހު މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

އެ ބިލް އަލުން އިސްލާހު ކުރުމަށް ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ފޮނުވާފެ އެވެ.