04 Jun 2013, 13:41
ޒަކާތު ފަންޑުގެ ކޮމިޓީގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ހަމަޖައްސަައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އަލަށް އުފެއްދުމަށް ހަމަޖައްސާފައިވާ އެ ކޮމިޓީގައި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅާ މެމްބަރަކު ހޮވާފައި ވަނީ އެކޮމިޝަންގެ ހަތް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތެރެެއިން ތިން މެމްބަރުން ވޯޓް ދެއްވައިގެންނެވެ.
ޖޭއެސްސީން ބުނީ ފަހުމީ އެ ކޮމިޓީގައި ހިމެނުމަށް އެކޮމިޝަނުން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީން އެކޮމިޝަންގައި ހިމެނުމަށް މެމްބަރަކު ކަނޑައެޅުމަށް އެދިފައިވާތީ ކަމަށެވެ.
ޒަކާތުގެ ކޮމިޓީގައި ޖޭއެސްސީގެ ފަރާތުން ހިމެނިވަޑައިގެންނަވާ މެމްބަރަކު ކަމުގައި ފަހުމީ ހަމަޖައްސާފައިވާ އިރު ސިވިލް ސާވިސްގެ އަންހެން މުވައްޒަފަކާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފަހުމީ އެމަގާމުން ވަކިކޮށްފަ އެވެ. މަޖިލީހުގެ އެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ފަހުމީ އެމަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ސުޕްރޫމް ކޯޓުން އެގޮތަށް ނިންމި ނަމަވެސް ފަހުމީއަށް އަލުން އަނބުރާ މަގާމަށް ވަޑައިނުގެންނެވޭނެ ކަމަށް އެހުކުމްގައި ކަނޑައަޅައިފައިނުވާތީ އޭނާ އަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝުކޫރު ވަނީ ސަރުކާރަށް ލަފާދެއްވައިފަ އެވެ.
ފަހުމީ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމާ މެދު ސުވާލުތަކެއް އުފެދިފައިވާ އިރު އެގާމަށް މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހުން ކުރި އިޢުލާނަކާ ގުޅިގެން ހަ ބޭފުޅަކު ވަނީ އެމަގާމަށް ކުރިމަތިލައްވައިފަ އެވެ.