29 Oct 2010, 05:49
ފުރިހަމަ އުސޫލެއްގެ މަތިން ރާއްޖޭގައި ބިދޭސީންގެ ކައިވެނީގެ ކަންކަން ހިންގޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެ މަނިކުފާނުގެ ރޭޑިއޯ ތަގުރީރުގައި މިދިޔަ ހަފްތާގެ ތެރޭ، ރާއްޖޭގެ ރިސޯޓެއްގައި ކޮށްފައިވާ ޓޫރިޓް ދެމަފިރިއެއްގެ ރަމްޒީ ކައިވެނީގައި ވަރަށް ދެރަކޮށް ކަންތައް ހިންގާފައިވާތީ، ކުރިއަށް އޮތް ތާނގައި އެފަދަ ކަންކަން އެގޮތަށް ހިނގިޔަ ނުދިނުމަށް ސަރުކާރުން އަޅަން ގަސްދުކުރައްވާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުންނެވެ.
‹ފަތުރުވެރިން، ރާއްޖޭގައި ކައިވެނި ކުރަން ބޭނުންވުމުން އެ މީހުންނަށް ދިވެހިބަސް ނޭނގޭތީވެ، އެކަމުގެ ވާހަކަތައް އޮޅުވާލައި ހަޖޫ ޖަހައި ފުރައްސާރަވާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ހެދުމަކީ، ވަރަށް ދަށު ދަރަޖައިގެ ކަމެއް›
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް، އަދި އިންޑަސްޓްރީގެ މެނޭޖްމަންޓުތަކުން ވެސް ބިދޭސީ ކައިވެނިތަކާއި އަދި އެނޫން ވެސް ރިޒޯޓުތަކުގައި ހިންގާ އެންމެހާ ކަންކަން ހިންގާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައިފައި އޮންނަން ޖެހޭނެ ކަމަށާއި، އެ އުސޫލުތަކާ އެއްގޮތަށް ނޫނިއްޔާ ކަންކަން ހިނގައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ވިސްނުންތެރިކަމާ އެކީގައި ނޫނިއްޔާ މިހާރު އެއްވެސް ކަމެއް ކުރުމަކީ، ބުއްދިވެރި ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވައި ރިޒޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ޓުއަރިޒަމާ ގުޅޭގޮތުން ކަންކަން ހިންގާއިރުގައި އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެންވެސް ރަނގަޅު ވިސްނުމާއެކީ، ފުރިހަމަ ގޮތުގައި ކަންކަން ނުކޮށްފިނަމަ ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ.
މި މައްސަލައާ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން، އެ މީހުންގެ ކައިވެނި ރާއްޖޭގައި ކުރުމަށް ބޭނުންވީމާ، އެ މީހުންނަށް ދިވެހިބަސް ނޭނގޭތީވެ، އެކަމުގެ ވާހަކަތައް އޮޅުވާލައި ހެދުމަކީ، އަދި އެކަމުގައި ހަޖޫ ޖަހައި އެކަމަކީ ފުރައްސާރަވާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ހެދުމަކީ، ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ، ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ބައި ކަމަށާއި އެ ސިނާއަތަށް ކަމޭނުހިތައިފިނަމަ، އެ ނަގާލެވެނީ އަޅުގަނޑުމެންގެ މުސްތަގްބަލް އެކަނިނޫން ކަމަށެވެ.
ރައީސްގެ ހިތާބުގައި ރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އެހެން ޕާޓީތައް ވެސް ހަމަ އެމްޑީޕީގެ މިސާލުން އަދި ދުނިޔޭގައި އެކަންކަން ކޮށްފައި އޮތް ގޮތުގެ މިސާލުން މިސާލު ނަގައި، އެ ޕާޓީތަކުގެ ކަންކަން ވެސް ހަރުދަނާކޮށް ފުރިހަމަ ކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.