ފަނޑިޔާރަކު ޢައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓަކަށް ބަދަލުވާން ބޭނުންވާ ނަމަ ސަބަބު ބަޔާންކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ގަވާއިދު އިސްލާހުކޮށްފި އެވެ.

ޖޭއެސްސީން އިސްލާހުކޮށްފައި ވަނީ "ފަނޑިޔާރުން އަމިއްލަ އަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ދެ ވަނަ މާއްދާ އެވެ. އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނަނީ ފަނޑިޔާރަކު އިންނަވާ ކޯޓު ބަދަލުވާން ބޭނުން ނަމަ އެކަން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުންތައް ޖޭއެސްސީ އަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޔާޢަތްކުރުމަށް ފަހު، ޖޭއެސްސީގެ ވަޒީފާ ކޮމިޓީން ނިންމާ ނިންމުމެއް، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، އެ ނިންމުމާ ގުޅޭގޮތުން، ޖޭއެސްސީން ގޮތެއް ނިންމަންވާނެ ކަމަށް އިސްލާހު ކުރި މާއްދާގައިވެ އެވެ.

އެ މާއްދާގައި ކުރިން ބުނެފައި ވަނީ ފަނޑިޔާރަކު އިންނަވާ ކޯޓު ބަދަލުވާން ބޭނުން ނަމަ ހުށަހަޅަން ޖެހޭނީ ޖޭއެސްސީ އަށް ކަމަށާއި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުވުމަށް ހުށަހެޅޭނީ ބަދަލުވާން އެދޭ ކޯޓަކީ، ހުސް މަޤާމެއް އޮތް ކޯޓެއްކަމުގައި ވާނަމަ އެވެ. އަދި ފަނޑިޔާރަކު އޭނާ ޢައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅޭނީ އެ ފަނޑިޔާރަކު ޢައްޔަނުކޮށްފައިވާ ކޯޓާއި އެއް ދަރަޖައެއްގެ ކޯޓެއް ނުވަތަ އެއަށް ވުރެ ދަށު ކޯޓަކަށް ކަމަށް ވެސް އެ ގަވާއިދުގެ ދެ ވަނަ މާއްދާގައި ކުރިން ބުނެފައިވެ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު އިސްލާހު ކުރީ އެ ގަވާއިދުގެ ދެ ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާއާ ތައާރުޒުވާކަމަށް ފެންނާތީ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކު މަސައްކަތް ކުރަމުންއައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި، އެހެން މަރުހަލާތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރަންވާނީ ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ. އަދި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއްފަދަ އެއް ދަރަޖައެއްގެ ކޯޓަކަށް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ފަނޑިޔާރުން ކޯޓުތަކަށް ބަދަލުވުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ފަނޑިޔާރުން ބަދަލު ކުރުމުގައި ޖޭއެސްސީން ކަންތައްތަކެއް ހިންގަން އުޅޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. މިދިޔަ ބުރާސްފަތި ދުވަހު ސުއޫދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސަވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޖޭއެސްސީ އަށް ކަނޑަޅުއްވާފައިވާ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރު އަބްދުﷲ ދީދީ ކްރިމިނަލް ކޯޓޫގެ އިސް ފަނޑިޔާރަކަށް ހަމަޖައްސަވަން އުޅޭ ކަމަށާއި ސިވިލް ކޯޓުގައި ތިބި "އެންމެ ރަނގަޅު" ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އައިޝަތު ސުޖޫން އާއި ފަނޑިޔާރު މަރިޔަމް ނިހާޔަތު ޑްރަގް ކޯޓަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސުއޫދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.