ޓީވީ ޕްރޮގްރާމެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިހާނެތި ބަސް ބުނެ، އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ މައްޗަށް ދައުލަތުން އުފުލައި ކޯޓަށް އިއްޔެ މައްސަލަ ވައްދައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އިންތިގެ މައްޗަށް ހުށަހަޅާފައި ވާނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކަމަށެވެ.

އިންތިގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ މާޗް 14 ވަނަ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި އޭނާ ދެއްކެވި ވާހައަކުން ކޯޓުގެ ހުރުމަތް ކެނޑިއްޖެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި އިންތި ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ބަޔާން ވެސް ނަގައިފަ އެވެ.

މިއަދު އިންތިއާ ސަން އިން ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ފުލުސް އޮފީހަށް އޭނާ ހާޒިރު ކުރި ދުވަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.