ފުލުހުން ބަލަމުގެންދާ އާރުތޫރު ބްރާދާސްގެ މައްސަލާއާ ގުޅިގެން ހައްޔަރުކުރި ހ. އެވާ ޗާންސް އަހުމަދު ވިޝާލްގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވިޝާލްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އާރުތޫރު ބްރާދާސްއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ހޯދަން އިޢުލާން ކުރިތާ ދެމަސް ފަހުން މ. ޗަނބޭލީގޭ ހަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެެއްގައި ފިލައިގެން އުޅެނިކޮށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ އަރުމޭނިޔާގެ ދެ މީހަކަށް ނިސްބަތްވާ ކުންފުނި އަރުތޫރު ބްރަދާސް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ހަދާފައިވާ ކުންފުންޏެއްގައި ހިއްސާ ދެ މީހަކު މީގެ ކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ދެމީހުންނަކީ "އަރްތޫރު ބްރަދާޒް ވޯލްޑް ކަނެކްޝަން" ކުންފުނީގެ ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ސަގަސްޔާންގެ އިތުރުން އަރުތޫރް ބްރަދާސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދިވެއްސެއް ކަމަށްވާ ހުޅުމާލެ ފުލެޓް 04-2-5 އަހްމަދު ނިޝާން އެވެ.