04 Jun 2013, 13:09
ލ. އަތޮޅުގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ޗައިނާއާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ދެމިފައިވާ މަގުތައް ތަރައްގީކުރުމާ ބެހޭ "ނޯޓްސް ޓު ބި އެކްސްޗޭންޖްޑް (ދެސަރުކާރުގެ ދެމެދުގައި ކުރެވޭ ތަރައްގީގެ އެއްބަސްވުން)ގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގެ ގަމުން ފެށިގެން ފޮނަދޫގެ ނިމޭ ހިސާބަށް ހުރި މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރަން ހަމަޖެހިފައިވާނެ ކަމަށް އެމްބެސެޑަރު އެޓް ލާޖް އަބުދުލް އަޒީޒު ޔޫސުފް ވިދާޅުވި އެވެ.
މަޝްރޫއުގެ ސަބަބުން ލ. އަތޮޅަށް ތަރައްގީ ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ތަރައްގީގައި ޗައިނާ އިން މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން ޗައިނާ އިން އަންނަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން،" އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އަޒީ ވިދާޅުވި އެވެ.
އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވުމަށް ފަހު އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ލޫ ހޮން ޔާއޯ ވިދާޅުވީ ލ. އަތޮޅުގެ މަގުތައް ތަރައްގީ ކުރުމަށް ޓަކައި ކުރަން ޖެހޭ ސާވޭ ކުރުމަށް އެ ގައުމުގެ ޓެކްނިކަލް ޓީމެއް މަދަމާ ރާއްޖެ އަންނާނެ ކަމަށެވެ.
ޗައިނާ އިން ވަނީ ރާއްޖޭގެ ތަރައްގީ އަށް މަޝްރޫއުތަކެއް ހިންގައިފަ އެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި ދާރުލްއާސާރުގެ އިތުރަށް ސިނަމާލޭގެ ބައެއް އިމާރާތްތަކަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ތަންތަނެވެ. އަދި މިހާރު ވެސް އެފަދަ ބައެއް މަޝްރޫއުތައް ދަނީ ކުރިއަށެވެ.