04 Jun 2013, 12:43
ކްލަބް ވެލެންސިޔާގެ ކޯޗަކަށް ނިއުރޭޑިއެންޓްގެ ކުރީގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖެއްސި ފަހުން، އެ ކްލަބު ވަރަށް ބޮޑަށް ވަރުގަދަ ވެއްޖެ ކަމަށް ނިއުރޭޑިއަންޓުގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފު ބުނެފި އެވެ.
ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު 2-1 ލަނޑުން ވެލެންސިއާ އަތުން ނިއު މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮޕޯފު ބުނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެލެންސިޔާގެ ކުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް މޯހަން ގެނެސް ދީފި ކަމަށާއި އެފަދަ ސްކޮޑެއް އެހާ އަވަހަށް ބަދަލު ކޮށްލުމަކީ މޮޅު ކޯޗަކަށް ނޫނީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
"ކޯޗަކަށް އޭނާގެ ސްޓައިލް ޓީމަށް ބުނެދޭން މަދުވެގެން މަހެއް ނުވަތަ ދެމަސް ދުވަސް ނަގާ. އެކަމަކު ހަފްތާއެއް، ދެހަފްތާއެއްގެ ތެރޭގައި ކޯޗުގެ ސްޓައިލް ޓީމަށް ބުނެއެއް ނުދެވޭނެ،" ޕޮޕޯފް ބުންޏެވެ." އަހަރެން ގަބޫލުކުރާ ގޮތުގައި މިހާރު ތިބި ކުޅުންތެރިންނާއި އެ ކޯޗާއެކު ވެލެންސިޔާގެ މުސްތަގުބަލު ވަރަސް އުޖާލާކޮށް އޮތީ."
ޕޮޕޯފް ބުނީ ދިވެހި ޒުވާން ކުޅުންތެރިތަކެއް ގޮވައިގެން ވެލެންސިޔާއިން އެ ދައްކާ ރީތި ކުޅުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށާއި އަދި ހުސްވި އަހަރު ނިއުރޭޑިއެންޓް ރާޖޭގެ އެންމެ މޮޅު ކުލަބަށް ހަދައިދިން ވެލެންސިޔާގެ މިހާރުގެ ކޯޗަކީ އޭނާ ވަރަށް ގަޔާވާ ސްޓައިލެއް ގެންގުޅޭ މޮޅު ކޯޗެއް ކަމަށް އޭނާ ބުންޏެވެ.
"ވެލެންސިޔާ ދެކެ އަހަރެން އެންމެ ގަޔާވާ އެއް ސަބަބަކީ، ޒުވާން ކުޅުންތެރިން ތަކެއް ގޮވައިގެން އެ ޓީމު ރީތި ފުޓްބޯޅައެއް ކުޅެން އެކުރާ މަސައްކަތް. އަދި ހާއްސަކޮށް އެ ޓީމުގެ ކޯޗަކީ އަހަރެން ވަރަށް ގަޔާވާ މޮޅު ކޯޗެއް،" މޯހަންއާއި ވެލެންސިޔާއަށް ތައުރީފު ކުރަމުން ޕޮޕޯފް ބުންޏެވެ.
ނިއުގެ ކޯޗު ބުނި ގޮތުގައި ވެލެންސިޔާގެ ވާހަކަ ދައްކާއިރު، އެ ކުލަބުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ބޮއިކޯ ކަމެނޯފް އެ ކުލަބަށް އަޅާދީފައިވާ ފުރިހަމަ ބިންގަލުގެ މަތިން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ.
ޕޮޕޯފްގެ އިތުރުން ކުރިން ނިއުއަށް ކޯޗުކަން ކޮށްދިން ވިކްޓަރީގެ މިހާރުގެ ކޯޗު، ސްލޮވާކިއާގެ ވަލްޑަމީރު ގޮފާވެސް ވަނީ މޯހަން ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.