ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ ނުވަތަ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ބެލުމަށް ފަހު އެމީހެއްގެ ހައްޔަރު ނުވަތަ ބަންދާ މެދުގައި ގޮތެއް ނިންމުމުގެ ގަވާއިދު އަލުން އެކުލަވާލުމަށް ފަހު ކްރިމިނަލް ކޯޓުން ސުޕްރީމް ކަައުންސިލަށް ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހައްޔަރުކުރާ ނުވަތަ ބަންދު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދު އަލުން އެކުލަވާލާފައި ވަނީ މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށާއި ކޯޓުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކޮށް ބެލުމަށް ފަހު އެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

އަލަށް އެކުލަވާލައިފައިވާ ގަވާއިދުގެ ދަށުން ތަހުގީގަށް ބަންދު ކުރެވޭ މީހާގެ މައްޗަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ބަންދަށް ހައްޔަރުކުރެވޭ މީހާގެ ބަންދުގެ މުއްދަތް ކޯޓުން ޖަހައިދިން ނަމަވެސް އެމީހެއްގެ މައްޗަށް އެ ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ކުރުމަށް ހުށަހަޅަން ޖެހެ އެވެ. މިހާރު އަމަލް ކުރަމުން ގެންދާ ގަވާއިދުގެ ދަށުން ތަހުގީގަށް ބަންދުކުރެވޭ މީހާގެ މައްޗަށް އެއް ފަހަރާ އެންމެ ގިނަވެގެން ޖަހާދެވެނީ 15 ދުވަހެވެ. އަދި އެ މުއްދަތު އިތުރު ކުރާ ނަމަ 48 ގަޑިއިރުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން އެއްފަހަރާ ބަންދުގެ މުއްދަތަށް ޖަހައިދޭ މުއްދަތު މިހާރަށް ވުރެ އިތުރު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް އެކުލަވާލާފައިވާ މި ގަވާއިދުގެ މަގުސަދު ގެއްލިގެން ނުދޭނެ ފަދަ ގޮތަކަށް ގަވާއިދު ފާސްވެއްޖެ ނަމަ، އެ ގަވައިދުގެ ސަަބަބުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ މީހާގެ ތަހުގީގު މަރުޙަލާ އާއި ދައުވާކުރުމުގެ މަރުޙަލާ އަވަސް ކުރުމަށް ބާރުއެޅިގެން ދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެކުލަވާލައިފައިވާ އާ ގަވާއިދު މިހާރު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ހުށަހަޅައިފައި ކަމަށާއި އެ ބެންޗުން ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފަހު ފާސްކުރުމުން މިހާރު އަމަލް ކުރަމުން ގެންދާ ގަވާއިދު އުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިގަވާއިދު އެކުލަވާލުމުގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރާ ވަކީލުންގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ މެޖިސްޓުރޭޓުންނާ މަޝްވަރާކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.