04 Jun 2013, 12:05
މި އަހަރުގެ މޭމަހުގެ ނިޔަލަށް ސަރުކާރުން ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ 543 މިލިއަން ރުފިޔާ ނުދައްކައި އެބައޮތް ކަމަށް ސްޓެލްކޯއާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނިން 50 މިލިއަން ރުފިޔާގެ އޯވާ ޑްރާފްޓަކަށް ސަރުކާރުން ގެރެންޓީ ދިނުމަށް އެދި މާލިއްޔަތު ކޮމެޓީގެ ލަފާއަކަށް އެދި ސަރުކާރުން ފޮނުވުމުން، މާލިއްޔަތު ކޮމެޓީ އިން ސުވާލުކުރުމުން ސްޓެލްކޯ އިން ފޮނުވާފައިވާ ސިޓީއާ ހަވާލާދީ ކޮމެޓީން ބުނީ ދައުލަތުގެ މުއައްސަސާތަކުން ސްޓެލްކޯ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ނުލިބިވާ ކަމަށެވެ. އެގޮތުން މޭ މަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން 281 މިލިއަން ރުފިޔާ އަދި އެންސްޕާއިން 224 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗް އިން ދައްކަން ޖެހޭ 37 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ޖުމުލަ 543 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ކަރަންޓް ބިލްތަކަށް ނުދައްކައި އޮތްކަމަށް އެސިޓީގައި ބުނެފައިވެ އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީ އިން މަޝްވަރާކޮށްފައިވާ އެ ސިޓީގައި ބުނެފައި ވަނީ ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދައްކައިވާތީ އެ ކުންފުނީގެ ކޭޝްފްލޯ އަށް ބޮޑު ދަތިތަކެއް ކުރިމަތިވެ އިތުރު ޕުރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯ އަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާކަމަށް ބުނެފައިވެ އެވެ.
އެ ސިޓީއާ ގުޅޭގޮތުން މިއަދުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ ފަރާތުން ފައިސާ ހޯދުމަކީ ސްޓެލްކޯގެ ޒިންމާއެއް ކަމަށާއި އެކަން ފޫބެއްދުމަށް ލޯނެއް ނެގުމަކީ ތާއީދު ކުރާކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތަކު ކަަރަންޓް ބިލް ނުދައްކާ ނަމަ ކަރަންޓް ކަނޑާލާ ކަމަށާއި އަދި ސަރުކާރާ މެދު ފިޔަވަޅު ނޭޅެނީ ކީއްވެތޯ ކަމަށް ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސްޓެލްކޯއަށް 50 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދިނުމަށް އިއުތިރާޒްކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ ސްޓެލްކޯއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މާލިއްޔަތު ކޮމެޓީ އާއި މަޝްވަރާކުރުމަށް ސްޓެލްކޯ އިން ވެސް އެދޭތީ އެ ކުންފުނީގެ އިސް ވެރިން ގެނެސް އެކަންތަކުގައި މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.