ފާއިތުވެދިޔަ އަހަރުތަކަކީ ސްޕެއިން އަށް އެންމެ ކާމިޔާބު ދުވަސްތައް ކަމަށާއި ސްޕެއިންގެ ވާދަވެރިން އެޓީމް ކަޓުވާލަން މަސައްކަތް ކުރުމުން ފަހްރުވާވެރިވާ ކަމަށް ޗެލްސީގެ ސްޕެއިން ތަރި ހުއާން މާޓާ ބުނެފި އެވެ.

ޔޫރަޕްގެ ތަށި ދިފާއުކުރުމަށް ފަހު، އަންނަ އަހަރު ބްރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ސްޕެއިން ނުކުންނާނީ އެ މުބާރާތް ދިފާޢު ކުރުމަށެވެ. ފާއިތުވެގެންދިޔަ އަހަރުތަކުގައި ފުޓްބޯޅައިން ސްޕެއިން ހޯދަމުންދާ ކާމިޔާބީތައް ދެމެހެއްޓުމަށް މަޓާ ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ސްޕެއިން އިން މިހާރު ފާހަގަކޮށް އުފާކުރަމުން މިދަނީ ފާއިތުވެދިޔަ އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތައް. އަހަރެމެންގެ ވާދަވެރިން ބޭނުންވަނީ މުބާރާތްތަކުން އަހަރެމެން ބޭރުކުރަން. އެކަމަށް އަހަރެމެން ފަހުރުވެރިވަން. މޮޅު ކުޅުމަކާއެކު ނަތީޖާ ނެރެވޭތޯ އަހަރެމެން އަބަދުވެސް މަސައްކަތް ކުރަން." މާޓާ ބުންޏެވެ.

ވޯލްޑް ކަޕްގެ ކުރިން ހުރިހާ ބައްރެއްގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ ކޮންފެޑަރޭޝަންސް ކަޕްގައި ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ހިމެނެނީ ކޮޕާ އެމެރިކާ ޗެމްޕިއަން އުރުގުއޭ އާއި، އެފްރިކަން ނޭޝަންސް ކަޕްގެ ޗެމްޕިއަން ނައިޖީރިއާ އަދި އޯއެފްސީ ނޭޝަންސް ކަޕްގެ ޗެމްޕިއަން ތަހީތީ އާއެކު ގްރޫޕް ބީ ގައެވެ.

ކޮންފެޑަރޭޝަންސް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ މުބާރާރް ބާއްވާ ބްރެޒިލް އާއި، ޔޫރަޕްގެ ރަނަރަޕް އިޓަލީ އާއި، ކޮންކާކަފް ގޯލްޑް ކަޕް ޗެމްޕިއަން މެކްސިކޯގެ އިތުރުން އޭޝިއަން ކަޕްގެ ޗެމްޕިއަން ޖަޕާން އެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހު އެވެ.