އަންނަ ސީޒަނުގައި ޗެލްސީ އާއި ހަވާލުވާ ކޯޗު ހޯސޭ މޮރީނިއޯ އަދި ބްރެޒިލް ގައުމީ ޓީމްގެ ކޯޗު ލުއިޒް ފެލިޕޭ ސްކޮލާރީ އަށް ބާސެލޯނާގެ ކުރީގެ ތަރި ޔޯހާން ކްރައިފް ފާޑުކިޔައިފި އެވެ.

ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އަންނަ ސީޒަންގައި އަލުން ޗެލްސީގެ ކޯޗުކަމާއި ހަވާލުވާ ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ އަށް ދެން އިތުރު ކުރިއެރުމެއް ނުލިބޭނެ ކަމަށް ކްރައިފް ގަބޫލުކުރެ އެވެ. ކްރައިފް އިތުރަށް ބުނި ގޮތުގައި، މޮރީނިއޯ އަކީ އެކި މީހުން ދޭތެރޭގައި މައްސަލަ އުފައްދަން އުޅޭ މީހެއް ކަމަށެވެ.

"މޮރީނިއޯ ފެށީ އެންމެންނާއި ދިމާއަށް އިނގިލި ދިއްކުރަން. މިހާރު އޭނާ ކުރާ ކަމަކީ މީހުންގެ މެދުގައި މައްސަލަ އުފައްދަން. އޭނާގެ އަމިއްލަ ރުޅިގަނޑުގައި ކްލަބުގެ ދުވަސްވީ ތަރިންނަށް ނިސްބަތްކުރަމުންދޭ. އެހެން ކަންތައްތަކެއް ކުރިއަކަށް ނުގެންދެވޭނެ. އޭގެ ނޭދެވޭ އަސަރު ޓީމަށް ކުރާނެ. މެޑްރިޑްގައި އޭނާއަށް ނާކާމިޔާބީ އާއި ކުރިމަތިވީ އެހެންވެ. މޮރީނިއޯ އަށް ކުރިއަށް އޮތްތާ ވެސް ދެން ކާމިޔާބެއް ނުލިބޭނެ." ކްރައިފް ބުންޏެވެ.

މޮރީނިއޯއަށް ފާޑުކިޔުމަށްފަހު ކްރައިފް ދެން ފާޑުކިޔާފައި ވަނީ ބްރެޒިލް ގައުމީ ޓީމްގެ ކޯޗް ލުއިޒް ފެލިޕޭ ސްކޮލާރީ އަށެވެ. ސްކޮލާރީ އަށް ކްރައިފް ފާޑުކިޔާފައި ވަނީ ޖަރުމަން ކަޕް ފައިނަލް މެޗުގެ ކުރިން ކޮންފެޑަރޭޝަން ކަޕް ކުޅުމަށް ބަޔާން މިއުނިކްގެ ޑަންޓޭ އާއި ލުއިސް ގުސްޓާވޯގެ ރިލީޒް ހޯދުމުންނެވެ.

"ސްކޮލާރީ އަދި މޮރީނިއޯ ފަދަ ކޯޗުން އަހަރެންނާއި މެދު ހިތްހަމަނުޖެހެނީ މިހެން ފާޑުކިޔާތީ. ބަލާލަބަލަ ސްކޮލާރީ އަށް. އެކުވެރިކަމުގެ މުބާރާތެއް ކަމަށްވާ ކޮންފެޑަރޭޝަން ކަޕް ކުޅުމަށް ޑަންޓޭ އާއި ގުސްޓާވޯގެ ރިލީޒް ހޯދީ ޖަރުމަން ކަޕްގެ ފައިނަލްގެ ކުރިން. ކޮންފެޑަރޭޝަން ކަޕް ފެށޭނީ މިމަހު 16 ގައި. މިކަމުން އެނގެނީ އެއްވެސް އެއްޗެއް ސްކޮލާރީ އަށް އޮޅުން ނުފިލާކަން." ކްރައިފް ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ކުޅުނު އިންގްލޭންޑާއި ދެކޮޅަށް އަމިއްލަ ގައުމުގައި ބްރެޒިލް ކުޅުނު މެޗު ނިންމާލަން ޖެހުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.