04 Jun 2013, 11:25
ބާސެލޯނާ އާއި އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ރަސްމީކޮށް އެކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އިއްޔެ ދައްކާލައިފި އެވެ.
ގިނަ މަސްތަކެއްގައި ބާސާ އިން ހޯދުމަށް މަސައްކަތް ކުރި ނޭމާ އެކްލަބާއި ގުޅުނީ 57 މިލިޔަން ޔޫރޯ އަށް ކަމަށް އިއްޔެ އެކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމާ އެކު ހެދި ފިޒިކަލް ޓެސްޓަށް ފަހު ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ނޭމާ ދައްކާލާފައި ވަނީ އެކްލަބުގެ ސްޓޭޑިއަމް ކޭމްޕް ނޯ އަށް ހާޒިރުވެ ތިބި ދިހަ ހާސް މީހުންނަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.
ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ނޭމާ ފެނިލުމަށްފަހު ބުނެފައިވަނީ، އޭނާ އެކްލަބާއި ގުޅުނީ ހުވަފެން ހަގީގަތަކަށް ހަދައި ބާސާގެ އާޖެންޓީނާ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ އަށް އެހީތެރިވެ ދިނުމަށް ކަމަށެވެ.
"ބާސާއަށް ސޮއިކޮށް އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވުމުން އަހަރެން މިހިރީ ވަރަށް އުފާވެފައި. މިޓީމަށް އެހީތެރިވެދޭން އަހަރެން ބޭނުން. އަހަރެން ބާސާ އާއި ގުޅުނީ މެސީ އަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ދެމިހުރުމަށް އެހީތެރިވެދޭން." ނޭމާ ބުންޏެވެ.
ނޭމާ ހޯދުމަށް އެންމެ ކުރީ ސަފުގައި ބާސާއާ އެކު ހަރަކާތްތެރިވީ އެ ކްލަބުގެ ވާދަވެރި ރެއާލް މެޑްރިޑުންނެވެ. ނޭމާ ބާސާ ހިޔާރުކުރީ އޭނާގެ ހިތުތެރޭގައި އޮތީ އެކްލަބު ކަމަށް ވާތީ ކަމުގައި ނޭމާ ބުނެފައި ވެއެވެ. ފައިސާ އަކީ މުހިންމު އެއްޗެއް ކަމަށް ވިޔަސް އުފާވެރިކަމަކީ އެއަށްވުރެ މުހިންމު އެއްޗެއް ކަމުގައި ނޭމާ ދެކެއެވެ.
"ބާސާ އަދި މެޑްރިޑަކީ ވެސް ވަރުގަދަ ދެ ކްލަބު. ނަމަވެސް އަހަރެންގެ ހިތުތެރޭގައި އޮތީ ބާސާ. އަހަރެން ބާސާ ހިޔާރުކުރީ އުފާވެރި ކަމަށް. ފައިސާ އަކީ މުހިންމު އެއްޗެއް. ނަމަވެސް އުފާވެރިކަމަކީ ފައިސާ އަށްވުރެ މުހިންމު އެއްޗެއް. އަހަރެމެން ޓީމް ބަދަލުވަނީ ފައިސާއަކަށް ނޫން. ޓީމެއް ހިޔާރުކުރަން ނިންމީ އާއިލާ އާއި މަޝްވަރާކުރުމަށް ފަހު. އެގޮތުން އަހަރެމެން ބެލީ ފައިސާއަކަށް ނޫން. އެކަން އެންމެ ރަނގަޅަށް އެނގޭނީ އަހަރެންގެ ބައްޕައަށް." ނޭމާ ބުންޏެވެ.
ދެން ނޭމާ އެހެން ކްލަބަކަށް ބަދަލުވާ ނަމަ، އޭނާގެ އަގު 250 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާނެކަމުގައި ބާސާގެ ރަސްމީ ޓްވިޓާ އެކައުންޓްގައިވާ ޓްވީޓެއްގައި ވެއެވެ.