މިދިޔަ އާދީއްތަ ދުވަހު އިންގްލޭންޑާއި ދެކޮޅަށް ބްރެޒިލް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން 2-2 ލަނޑުން އެއްވަރުވީ ނަމަވެސް ބްރެޒިލް ޓީމް ދަތުރުކުރަނީ ރަނގަޅު މަގަކުން ކަމުގައި އެޓީމްގެ ފޯވާޑް ފްރެޑް ބުނެފި އެވެ.

ބްރެޒިލްގެ ފުލުމިނެންސީ އަށް ކުޅެމުންދާ ފޯވާޑް ފްރެޑް އެމެޗުގައި ބްރެޒިލް އަށް ލީޑް ނަގައިދިން ނަމަވެސް ބްރެޒިލް އަށް ޒިޔާރަތްކުރި އިންގްލޭންޑުން ވަނީ ފަހަތުން އަރާ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އެލެކްސް އޮކްސްލޭޑް ޗެމްބާލެން އާއި ވޭން ރޫނީގެ ލަނޑުތަކުން އިންގްލެންޑް ކުރީގައި އޮއްވާ ބްރެޒިލް އަށް ލަދުން ސަލާމަތްކޮށްދީފައި ވަނީ ޕައުލީނިއޯ އެވެ.

"އަހަރެމެން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިން. ނަމަވެސް ނަސީބު ހުރިގޮތުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައެއް ނުހިފުނު. އެއްވަރުވުމަކީ އަހަރެމެން ހީކުރި ނަތީޖާއެއް ނޫން. އަހަރެންނަށް ހީވަނީ އެމެޗުން އަހަރެމެން މޮޅުވުން ހައްގުހެން. އަހަރެމެންނަށް ހައެއް ނުވަތަ ހަތް ފުރުސަތު ލިބުނު. ނަމަވެސް ބޯޅަ ގޯލްގެ ތެރެއަށް ނުވަނީ. އަހަރެމެން ދަތުރުކުރަމުން މިދަނީ ރަނގަޅު މަގުން." ފްރެޑް ބުންޏެވެ.

ބްރެޒިލްގެ ހާނަނޭސް ވެސް ގަބޫލުކުރާ ގޮތުގައި އެމެޗުގައި އިންގްލޭންޑް ޓީމަށް ވުރު ބްރެޒިލް ޓީމް މޮޅު ކަމަށެވެ.
"އަހަރެމެން ދެއްކީ މޮޅު ކުޅުމެއް. އިންގްލޭންޑުން ވަރަށް ރަނގަޅަށް ދިފާއުކުރި. އަދި ކައުންޓަ އެޓޭކެއްގެ ބޭނުން އެޓީމުން ވަރަށް ރަނގަޅަށް ކުރި. ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން ދާއިރު، ބްރެޒިލްގެ ގޯލަށް ވަންނަ ގޯލްގެ އަދަދު މަދުކުރަން ޖެހޭނެ. އަހަރެމެން މުބަރާތެއްގެ ޗެމްޕިއަންކަން ބޭނުމިއްޔާ މިކަންތައް ރަނގަޅު ކުރަން ޖެހޭނެ." ހާނަނޭސް ބުންޏެވެ.

އަންނަ އަހަރު ބްރެޒިލްގެ ކުރިއަށްދާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.