މޮރިޝަސްގައި މިދިޔަ ހަފުތާގައި ބޭއްވި ފީފާގެ 63 ވަނަ ކޮންގްރެސްގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯގައި ނުހިމެނޭ ތިން މީހަކު ރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްގެ އަމިއްލަ ރަސްމީ ޓްވިޓާ އެކައުންޓްގައި ކުރެއްވި ތިން ޓްވިޓެއް ގައި ވިދާޅުވެފައި ވަނީ މިފަހަރުގެ ކޮންގްރެސްގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް އާއި ވީބީ އަައްޑޫ އެފްސީގެ ވެރިޔާ މުހައްމަދު ޝަވީދާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ލަތީފެވެ. އެހެންނަމަވެސް އެތިން ބޭފުޅުންނަކީ އެކްސްކޯގައި ނުހިމެނޭ ތިން މީހުން ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ޓްވީޓް ކުރައްވައިފަ އެވެ.

މިކަމާގުޅިގެން އެފްއޭއެމްގެ ބަހެއް ހޯދުމަށް "ސަން"އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްހާމް މިދިޔަ ހަފުތާގައި އުޅުއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ދަތުރުތަކުގަ އެވެ.

"ފީފާ ކޮންގްރެސްގައި އެފްއޭއެމުން ބައިވެރިވި އެއްވެސް ފަރާތަކީ އެތަނުގެ އެކްސްކޯގައި ހިމެނޭ ފަރާތެއް ނޫން. އެފްއޭއެމްގެ އެކްސްކޯ މިއަށްވުރެ ޒިންމާދާރުވާން ޖެހޭ،" އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެކްސްކޯގެ މެމްބަރު އަދި އެފްއޭއެމުގެ ކުރީގެ ރައީސް އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އާޒިމް އިތުރަށް ޓްވީޓް ކުރައްވާފައި ވަނީ، ފީފާގެ ކޮންގްރަސްއަކީ ފުޓްބޯޅައިގެ އާއިލާގެ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ކަހަލަ ގައުމުތަކުން އެހީތެރިކަމަށް އެދެން ލިބޭ ފުރުސަތެއް ކަމަށެވެ.

ފީފާގެ ކޮންގްރެސްއަށްގައި ބައިވެރިވާ، ކޮންމެ ގައުމެއްގެ ވެސް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސާއި ނާއިބް ރައީސް އަދި ޖެނެރަލް ސެކްރެޓަރީ އަށް ފީފާއިން ޓިކެޓާއި އެކޮމޮޑޭޝަން ވެސް ފޯރުކޮށްދެ އެވެ. އެކަމަކު ރާއްޖޭގެ އެފްއޭއެމްގެ ރައީސް އާއި ނައިބު ރައީސް މިކޮންގްރެސްއަކަށް ނުދެ އެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް ހާނިމް މޮރިޝަސްއަށް ފުރި ދުވަހު އެފްއޭއެމްގެ އޮފިޝަލަކު ސަންއާ ވާހަކަދައްކަމުން ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށް ހާނިމް ފުރީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ރާއްޖެ ތެރޭގައި މިވަގުތު އުޅުއްވާތީ އޭނާގެ ބަދަލުގައި ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ވެސް އޮފިޝަލް އެދުވަހު ދީފައެއް ނުވެ އެވެ.