ގިނަ އަހަރުތަކަކަށް ފަހު ބަޔާން މިއުނިކް ކާމިޔާބު ކްލަބަކަށް ހަދައިދިނުމަށް ފަހު އެކްލަބު ދޫކޮށް ދާން ޖެހުނު ކޯޗު ޔުޕް ހެއިންކެސް އަށް ބަޔާންގެ ރައީސް އުލީ ހޮއެނެސް ތަޢުރީފްކޮށްފި އެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ބަޔާން އަށް ވަނީ ވާދަވެރި ބޮރޫސިއާ ޑޯޓްމުންޑްގެ މައްޗަށް ކުރި ހޯދޭގޮތް ނުވެފަ އެވެ. ނަމަވެސް ދެ އަހަރު ދުވަހުގެ ނާކާމިޔާބީ އަށް ފަހު ހެއިންކެސް ވަނީ ބަޔާން އަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޖަރުމަން ބުންޑަސްލީގާ އަދި ޖަރުމަން ކަޕް ވެސް ކާމިޔާބު ކޮށްދީފަ އެވެ.

އަންނަ ސީޒަނުގައި ބަޔާންގެ ކޯޗުކަން ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ހަވާލުކުރި ނަމަވެސް އެކްލަބަށް ހެއިންކެސް ހޯދައިދިން ކާމިޔާބީ ހަނދާން ނައްތާނުލާނެކަމަށް ބަޔާންގެ ރައީސް ހޮއެނެސް ބުނެ އެވެ. "ހެއިންކެސް އަދާކުރީ ވަރަށް ރަނގަޅު ވަޒީފާއެއް. މިވަގުތު އަހަރެން ވިހި އަހަރު ކުރީގެ ބަޔާންގެ ކުރެހުމެއް ކުރަހާނަމަ، ކުރަހާނީ މިހާރު ބަޔާން އޮތް ގޮތަށް. އަހަރެމެން މިހާރު މިއޮތީ އެންމެ މަތީގައި. އަހަރެމެންގެ މަސައްކަތަކަށްވާނީ މިގޮތުގައި ދެމިހުރުން." ހޮއެނެސް ބުންޏެވެ.

ހެއިންކެސް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ ސްޕެއިންގެ ކާމިޔާބީ ކްލަބު ރެއާލް މެޑްރިޑެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު މެޑްރިޑްގެ ކޯޗުކަމާއި ހެއިންކެސް ހަވާލުވުމަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވެ އެވެ.