04 Jun 2013, 10:15
ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހަސަން ސާއިދު ހަތަރު ވަނަ ފަހަރަށް މުގުރާލައި ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.
ޖެމެއިކާގެ ވެރިރަށް ކިންގްސްޓަނުގައި މިދިޔަ އާދިއްތަ ދުވަހުގެ ހެދުނު ކުރިއަށް ދިޔަ ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި ސާއިދު ރެކޯޑް މުގުރާލީ 47:48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިއީ ސާއިދު އެއް މަސް ދުވަސް ތެރޭ ރެކޯޑް މުގުރާލި ތިން ވަނަ ފަހަރެވެ. އަދި ރޭހުގެ ތިން ވަނަ ހީޓު ސާއިދު ކާމިޔާބުކުރި އިރު ހަތް ހީޓެއްގައި ވާދަކުރި 40 ދުވުންތެރިންގެ ތެރެއިން ސާޢިދު ދިޔައީ ނުވަ ވަނަ އަށެވެ.
މިކާމިޔާބީ އާ އެކު ސާއިދު ތާރީޚުން ޖާގަ ހޯދީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި 48 ސިކުންތަށް ވުރެ އަވަހަށް 400 މީޓަރުގެ ރޭހެއް ނިންމި ފުރަތަމަ ދުވުންތެރިއާގެ ގޮތުގަ އެވެ.
ސާއިދު މިދިޔަ މަހުގެ 27ގައި މި ރެކޯޑް މުގުރާލީ ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގައި 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ މިދިޔަ މަހުގެ 12 ވަނަ ދުވަހު ޖޭއޭއޭ އޯލްކަމާސް މީޓުގައި މި ރެކޯޑް މުގުރާލީ 48.14 ސިކުންތުން ނިންމައިގެނެވެ.
ސާއިދާ އެކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އަޒްނީމް އަހުމަދު އަނިޔާގެ ސަބަބުން މި ރޭހުގައި ބައިވެރިއެއް ނުވެ އެވެ.