ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގި އދ. ކުޑަރަށް ރިސޯޓާ ހަވާލުވުމަށް ރޭ އެ ރަށަށް ދިޔަ ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް ރަށަށް އެރިޔަ ނުދީ ފޮނުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން އެއްބަސްވުން ބާތިލުކުރި ދެ ރިސޯޓުގެ ތެރެއިން ކުޑަރަށާ ހަވާލުވުމަށް އެ މިނިސްޓްރީގެ ޓީމެއް ރޭ 7:00ގައި ދިއުމުން އެ ރަށުގައި ތިބި ބަޔަކު ޖެޓީ ބަންދުކޮށް ރަށަށް އެރިޔަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމެއް އެ ރަށަށް ދިޔައިރު އެތަނުގައި ތިބި ބަޔަކު ޖެޓީ ބަންދުކޮށްގެން. ގާތްގަނޑަކަށް 50 ވަރަކަށް މީހުން ތިބި. ދެން އެ ވަގުތު ރަށަށް އެރުމަކީ އެހާ މަސްލަހަތު ހުރި ގޮތަކަށް ނުވާތީ ޓީމު އެނބުރި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ކުޑަރަށް ރިސޯޓް މިހާރު އޮތީ މާރާމާތުކުރުމަށް މީގެ އަހަރުތަކެއް ކުރިން ބަންދުކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް އެރިޔަނުދީ ފޮނުވާލިޔަސް ރަށް ހިންގޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބެގެން. ކޮންމެ ގޮތެއް ވިޔަސް ރަށުގެ ލީސް އެގްރިމަންޓް މިހާރު ވަނީ ބާތިލުކޮށްފައި. އަޅުގަނޑުމެންގެ ޓީމު އެތަނަށް ދިޔައީ ގާނޫނީ ވާޖިބު އަދާކުރަން،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ކުޑަރަށުގެ އިތުރުން ޔޮޓް ޓުއާސް އިން ހިންގި ހއ. އަލިދޫ ރިސޯޓަށް ވެސް ޓީމެއް މިއަދު ދާނެ ކަމަށެވެ.

"ކުޑަރަށާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުން ބާތިލުކުރުމަށް ފަހު އެ ރަށް ޓޫރިޒަމް މިނިސްޓްރީން ދިއުމާ އެކު ވަގުތުން ރަށް ހަވާލުކުރަން ޖެހޭނެ. އަދި އަލިދުއާ އެކު ކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ރަށަށް ދާތާ ހަތް ދުވަހުގެ ތެރޭގައި ރަށް ހަވާލުކޮށް ނިންމަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ރިސޯޓެއްގެ ކުލީގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުން ބާތިލުވުމުން އެ ރަށެއް އަލުން ހިންގަން ޖެހޭނީ ބީލަމަށް ހުޅުވާލައިގެން ކަމަށެވެ. ނަމަވެސް އެ ދެ ރަށް ހިންގަން ބީލަމަށްލާނެ ދުވަހެއް ޓޫރިޒަމް މިނިސްޓްރީން ނުބުނެ އެވެ.

އެ ކުންފުނިން ހިންގި ދެ ރިސޯޓުން ކުލި ނުދައްކައިގެން، ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްގެ މުއްދަތު މިއަދު ހަމަވިއިރު އެ ފައިސާ ދައްކާފައި ނުވާތީ ސަރުކާރުން އެ ދެ ރިސޯޓު އެގްރިމަންޓް އުވާލީ މިިދިޔަ އަންގާރަ ދުވަހު އެވެ.

ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުން ވެސް އެ ދެ ރިސޯޓަކުން ފައިސާ ދައްކާފައި ނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް މިދިޔަ ޑިސެމްބަރު މަހު ވެސް ފޮނުވާފައިވެ އެވެ.

ކުއްޔާއި ޖޫރިމަނާ ނުދައްކައިގެ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރިސޯޓެއްގެ އެގްރިމަންޓް ސަރުކާރުން އުވާލާފައެއްނުވެ އެވެ.