04 Jun 2013, 09:31
ރާއްޖެ އަށް މި ވަގުތު ބޭނުން ވަނީ އަހްލާގީ މިންގަނޑުތަކަކާއި ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ ނޫސްވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސީއެންއެމް އިފްތިތާހު ކުރުމަށް ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ނޫސްވެރިންނަކީ ހަރުދާނާ ޑިމޮކްރަސީއެއް ގެނައުމަށް އެންމެ އިސްރޯލެއް އަދާކުރަން ޖެހޭ މީހުން ކަމަށާއި މި ވަގުތު ރާއްޖެ އަށް އަހްލާގީ މިންގަނޑު ހިފަހައްޓާ ނޫސްވެރިކަމެއް ބޭނުންވާ ކަމަށެވެ.
ނޫސްވެރިން ތެދު ހަބަރު ގެނެސްނުދޭ ނަމަ ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި ނޫސްވެރިންނަކީ ކޮންމެ ދުވަހަކު ވެސް ރައްޔިތުންގެ ކައިރިއަށްދާން ޖެހޭ ބައެއްކަން ހަނދާންކޮށްދެއްވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ ވެސް ނޫސްވެރިންނަށް ވަރަށް ގަދަރުކުރާ ތަނެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ނޫސްވެރިންނާ ދިމާކުރާ ތަނަކަށް ވިޔަނުދެއްވާނެ ކަމަށެވެ.
"އެންމެ ހިތާމަވެރި ކަމަކަށް ވާނީ ގާނޫނު ހަދާ ފަރާތުން ނޫސްވެރިން ބަނދެލުމަށް މަސައްކަތްކުރުން،" އޭނާ ވިދާޅުވި އެވެ.
އެ މޭރުމުން ދެއްކެވި ވާހަކަފުޅުގައި ޝާހިދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ވާން ޖެހޭނީ ނޫސްވެރިންނަށް ވަސީލަތްތައް ހޯދައިދޭ ބަޔަކަށް ކަމަށެވެ.
ރޭގެ ހަފްލާގައި ސީއެންއެމް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.
ސީއެންއެމްއަކީ މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު އިންވެސްޓްކުރައްވައިގެން ހިންގަވާ އޮންލައިން ނޫހެކެވެ. އެ ނޫސް ފުރަތަމަ ނެރެން ފެއްޓީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.