04 Jun 2013, 09:12
ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީގެ ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އަލުން އެނބުރި ޗެލްސީއަށް އަތުވެއްޖެ އެވެ.
މިއީ މޮރީނިއޯ ޗެލްސީ އާއި ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ހަ އަހަރު ކުރިން ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިވި ފަހުން އެ ކްލަބްގެ ކޯޗުކަމާއި ހަ ކޯޗަކު ހަވާލުވެފައި ވެއެވެ. މޮރީނިއޯ އަށް އަލުން ޗެލްސީގެ ކޯޗުކަން ލިބިގެންދިޔައީ މޮރީނިއޯއަކީ ކާމިޔާބު ކޯޗަކަށް ވުމުން ކަމަށް ބެލެވެ އެވެ.
މޮރީނިއޯ ޗެލްސީގެ ކޯޗުކަމާއި ހަވާލުވުމުން އެކްލަބުގެ ޗީފް އެގްޒެކެޓިވް ރޮން ގޯލޭ ވަނީ މަރުހަބާ ކިޔާފަ އެވެ.
"މޮރީނިއޯ އަލުން ޗެލްސީ އާއި ގުޅުމުން ވަރަށް ހިތްހަމަޖެހޭ. އޭނާ އަކީ ވަރަށް ކާމިޔާބީ ކޯޗެއް. މޮރީނިއޯ އަކީ ޗެލްސީ އަށް އެންމެ އެކަށީގެންވާ ކޯޗު. އަހަރެމެންގެ އަމާޒަކީ ކާމިޔާބީއާއެކު ކުރިއަށް ދިއުން." ގޯލޭ ބުންޏެވެ.
ރަޝިޔާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތް ފަހުން އެކްލަބްގެ ކޯޗުކަން ހަވާލުކުރި ފުރަތަމަ ކޯޗަކީ މޮރީނިއޯ އެވެ. މޮރީނިއޯ ޗެލްސީ އާއި ހަވާލުވި ފަހުން ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި ވެއެވެ. ޗެލްސީ އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކޮށްދެވުނު ނަމަވެސް މޮރީނިއޯ ވަނީ އެކްލަބަށް ދެ ޕްރެމިއާ ލީގާއި އެފްއޭ ކަޕް ތައްޓަކާއި ދެ ލީގު ތަށި ހޯދައިދީފަ އެވެ.