ސަރުކާރު ހިންގުމުގައި ބަރުހެލިވެ، ގާނޫނު ތަންފީޒު ނުކުރެވޭ އިސް ވެރިން މަގާމު ދޫކުރައްވައި އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.


މޫސަ މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ދެވަނަ ކޮންގްރެސް ފެށުމުގެ ގޮތުން ދަރުބާރު ގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީން ބޭނުވަނީ، މި ސަރުކާރަކީ ބަރުހެލި ނޫން، އެތެރޭގެ ކޯޅުން ނެތް ސަރުކާރެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ. އަދި ވަޒީރުންގެ އިތުރުން ކޮމިޓީތަކާއި ދާއިރާގެ ރައީސުންގެ މެދުގައި ވެސް ކޯޅުން އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


އިދިކޮޅު ޕާޓީތަކަށް ފާޑު ވިދާޅުވަމުން މޫސަ ވިދާޅުވީ، ޑީއާރުޕީ އާއި ޕީއޭ އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތަކީ، ސަރުކާރު ހިންގުމަށް ބޭނުންވާ ގާނޫނުތައް ހެދިޔަ ނުދިނުން ކަމަށާއި އަދުލު އިންސާފު ގާއިމުކުރިޔަ ނުދިނުން ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަނީ، ސަރުކާރު ހިންގުމަށް ހުރަސް އަޅައި، ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނަށް އިންޒާރުދީ، އެމީހުންގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރަށާއި ސަރުކާރު ގެނައި ޑިމޮކްރަސީއަށް ހިތުހުރި ގޮތެއް ޑީއާރުޕީ އަށް ނުހެދޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ކޮށްދެންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހަދަން ޖެހޭ ގާނޫނުތައް ހެދުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަ ވިދާޅުވީ، ވޭތުވެ ދިޔަ 30 އަހަރުގެ ވެރިކަމުގައި މީހުންނަށް އަނިޔާކޮށް ހިޔާނާތްތެރިވެފައިވާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާ ހަމަޖެހި ފުޅާވަމުން އަންނައިރު އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މޫސަ ގޮވައިލެއްވި އެވެ. އިދިކޮޅު ޑީއާރުޕީން މުޒާހަރާ ކުރަމުންދަނީ ސުޕްރީމްކޯޓުން ކޮށްފައިވާ އަމުރަކާ ދެކޮޅަށް ކަމަށާއި އެމީހުން މުލީއާގޭ ދޮށަށް އެއްވަނީ، ސުޕްރީމް ކޯޓު ދޮށުގަޔާއި އުއްތަމަ ފަނޑިޔާރުގެ ގެކޮޅު ކައިރިއަށް އެއްވަން ނުކެރިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ތެރެއިން ތަފާތު ގަވާއިދުތައް ހަދައިގެން ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ޑީއާރުޕީން މަސައްކަތްކުރާ ނަމަ އެކަން ހަވާލު ކުރާނީ ސުޕްރީމް ކޯޓާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ޑީއާރުޕީގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުން ދުވަހެއް ދުވަހަކަށް މަދުވެ، 26 މެންބަރުންނާ އެކު މަޖިލީހުގެ އިންތިހާބު ނިންމާލި އެމްޑީޕީގެ 34 މެންބަރުން މަޖިލީހުގައި މިހާރު ތިއްބަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ގޮންޖަހާލެވޭނެ ސިޔާސީ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.