ކާބުލް (ޖޫން 04) :އަފްޣާނިސްތާނުގެ ބެކްޓިޔާގެ ސްކޫލެއްގެ ކައިރީގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި ނުވަ ކުޑަކުއްޖަކާއި ފުލުހަކު މަރުވެއްޖެ އެވެ.

ބެކްޓިޔާ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ ޒަލްމާއި އޫރިޔާ ވިދާޅުވީ މިޙަމަލާ އަމާޒުކޮށްފައިވާ ކަމަށް ބެލެވެނީ އެވަގުތު އެސަރަހައްދުން ދަތުރުކުރި އެމެރިކާގެ ޢަސްކަރީ ގާފިލާއަކަށް ކަމުގަ އެވެ. ބެކްޓިޔާ ސްޓޭޓަކީ އަފްޣާނިސްތާނުގެ އިރުދެކުނުގެ ސްޓޭޓެކެވެ. ޙަމަލާދީފައި ވަނީ އެސްޓޭޓްގެ ޝަމްކާނީ ސަރަހައްދުގައިވާ މިސްކޫލްގެ ކިޔެވުން ނިމުމާ އެކު ސްކޫލްގެ ދަރިވަރުން ބޭރަށް ނުކުތް ވަގުތުގައި ކަމަށް ވެސް ޒަލްމާއި ވިދާޅުވި އެވެ. މިޙަމަލާ ދީފައި މިވަނީ އަފްޣާނިސްތާނުގެ ލުޤްމާން ސްޓޭޓްގައި ދިން ބޮމުގެ ޙަމަލާއެއްގައި އެއްޢާއިލާއެއްގެ ހަ މީހަކު މަރުވެފައި ވަނިކޮށެވެ.

މި ދެ ޙަމަލާގެ ފަހަތުގައި ވަނީ ވެސް ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށްވަނީ ބެލެވިފަ އެވެ. ނަމަވެސް މި ދެ ޙަމަލާއާބެހޭ ގޮތުން އެޖަމާއަތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާއާއި ބޭރުގެ ބާރުތަކުގެ ހަމަލާތަކާއި އިދިކޮޅު ތާލިބާން ޖަމާއަތުގެ ޙަމަލާތަކުގައި ވެސް ގިނައިން މަރުވެ ޒަޚަމްވަނީ ކުށެއްނެތް ޢާންމުންނެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ. އިއްޔެ ޙަމަލާގައި އެމެރިކާ ސިފައިންގެ ހަތަރު މީހަކު ޒަޚަމްވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)