04 Jun 2013, 08:58
އަންކަރާ (ޖޫން 04): ތުރުކީގައި ހަމަނުޖެހުންތަކަށް އެއްވެސް ފުރްސަތެއް ނެތްކަމަށާ ހަމަނުޖެހުންތައް އުފައްދަނީ ބޭރުގެ ފަރާތްތަކެއް ފަހަތުގައި ތިބެގެން ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އަންކަރާގައި ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ތުރުކީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ބޭރުގެ ފަރާތްތަކެއް ވާކަމަށް ތުހުމަތުކުރެވޭތީ ގައުމުގެ ޖާސޫސީ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަޙްގީގު ފަށާފައިވާ ކަމުގަ އެވެ.
މިތަޙްގީގުން މިހަމަނުޖެހުންތަކުގެ ޙަޤީޤަތް އެނގިގެން ދާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީއަކީ ފުރިހަމަ ޑިމޮކްރަސީ ޤާއިމްކުރެވި ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާވެފައިވާ ގައުމެއް ކަމަށާއި އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވެސް ތުރުކީ އޮތީ 2011 ވަނަ ރައްޔިތުން އުތުރުއެރި ޢަރަބި ރަބީޢުގެ ގައުމުތައް އޮތްޙާލަތުގައި ނޫންކަމުގަ އެވެ. އެހެންކަމުންތުރުކީގައި ހަމަނުޖެހުންތަކަށް އެއްވެސް ފުރުސަތެއް ނެތްކަމަށާއި ގައުމުގެ ޢާންމު އިންތިޚާބަށްއޮތީ އެންމެ 10 މަސް ދުވަސްކަމުން ދިމުޤްރާތީ އުސޫލުގެ މަތިން ކަންތައް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާންވަނީ ބައިނަލްއަޤްވާމީ މީޑިޔާއިން ވެސް ތުރުކީގެ ހަމަނުޖެހުންތަކާ ބެހޭ ޚަބަރާއި މަޢްލޫމާތު ގެނަސްދީފައި ވަނީ ޕްރޮޕަގެންޑާ ކުރިޔަށްނެރެ އެހަމަނުޖެހުންތަކުގެ އަސްލު ސައިޒަށް ވުރެ މާ ބޮޑުކޮށްލައިގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އަދި ތުރުކީގައި މިހާރު ކުރިޔަށްދާ ހަމަނުޖެހުންތަކުގައި ޙަރަކާތްތެރިވާތަން ފެންނަނީ އިންތިޚާބަކުން އޭނާގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ބަލިކުރުމުގައި ނާކާމިޔާބުވި އިދިކޮޅު ފަރާތްތައް ކަމަށް ވެސް އުރުދުޣާން ތުހުމަތު ކުރެއްވި އެވެ. މިދިޔަ ހުކުރު ދުވަހު ތުރުކީގައި އެންމެފުރަތަމަ އިޙްތިޖާޖްތައް ފެށުނީ އިސްތަންބޫލްގެ "ތަޤްސީމް" މައިދާނުގެ ކައިރީގައިވާ ބަގީޗާއެއް ނައްތާލައި އެތަނުގައި ވިޔަފާރި މަރުކަޒެއް ބިނާކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނަކާ ދެކޮޅު ހެދުމުގެ ޙަރަކާތެއްގެ ގޮތުގަ އެވެ. ނަމަވެސް އެއަށް ފަހު އެކަންއުރުދުޣާންގެ ވެރިކަމާ އިދިކޮޅު އިޙްތިޖާޖްތަކަކަށް ބަދަލުވެ ވެރިރަށް އަންކަރާއަށާއި ބޮޑެތި ސިޓީތަކަށް ވެސް ހަމަނުޖެހުންތައް ވަނީ ފެތުރިގެން ގޮސްފަ އެވެ. ތުރުކީގެ ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިޔަށް ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)