03 Jun 2013, 22:53
އެޑިއުކޭޝަން މިނިސްޓްރީން 2011 ވަނަ އަހަރު މާލިއްޔަތުގެ ގާނޫނާ ހިލާފަށް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާކަން އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
މިއަދު އޮޑިޓަރު ޖެނަރަލް ނެރުއްވާފައިވާ 2011 ވަނަ އަހަރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އެ އަހަރަށް ކަނޑައެޅި ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ކަމަށް އެ އޮފީހުން ނުދޭކޭ ކަމަށެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ އެ އަހަރުގެ ބަޖެޓުން މުސާރަ އާއި އިނާޔަތް ބައެއް މުވައްޒަފުންނަށް އިތުރަށް ދީފައިވާ ކަމަށެވެ. އެގޮތުން 12765 ރުފިޔާ އެ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ބައެއް މުވަޒަފުންނަށް ހާޒިރު ނުވާ ދުވަސްތަކަށް މުސާރަ އާއި އިނާޔަތް ދީފައިވާ އިރު އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު ޗުއްޓީ ނިންމުމަށް ފަހު ވެސް އޮފީހަށް ހާޒިރުނުވެ ހުރި މުވަޒަފަކަށް އެއް މަސް ދުވަހުގެ އިނާޔަތާއި މުސާރަ ދީފައިވާ ކަމަށްއެ އެ ރިޕޯޓުގައި ބުނެފައި ވަނީ ބުނެފަ އެވެ.
އެކަން އެގޮތަށް ހިނގާފައި ވަނީ މުސާރަ އާއި އިނާޔަތްތައް ތައްޔާރުކުރާން ތިބޭ މުވަޒަފުން އެކަން ކަމަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށް ނުދިނުމުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މައްސަލައިގައި އޮޑިޓް އޮފީހުން އަރުވާފައިވާ ލަފައަކީ މުވައްޒަފުންނަށް އިތުރަށް ދީފައިވާ ފައިސާ އެ ލިބުނު މީހާ އަތުން ހޯދައިގެން ނަމަވެސް އަނބުރާ ހޯދުމަށެވެ.
ހަމަ އެހެންމެ ކުރީގެ އެޑިއުކޭޝަން ޑިވޮލްޕްމެންޓް ސެންޓަރު (އީޑީސީ)ގެ މުވައްޒަފުން އަތޮޅުތަކުގެ ރަށްތަކަށް ކޮށްފައިވާ ދަތުރުތަކުގައި އެއް ރަށުން އަނެއް ރަށަށް ދިއުމަށް ދަތުރުމަށް ހޭދަވާ ވަގުތަކީ މަސައްކަތުގައި އިތުރަށް ހޭދަވެފައިވާ ވަގުތުގެ ގޮތުގައި ބަލައި އެ މުވައްޒަފުނަށް އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކަމުގެ ސަބަބުން އެ އަހަރު ބަޖެޓުން އިތުރު ގަޑީގެ ފައިސާ އަށް ހަރަދު ކުރަން ނުޖެހޭ 7629 ރުފިޔާ ހަރަދުކޮށްފައިވާކަން އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސްގެ ގަވާއިދުގައި ބުނެފައި ވަނީ އަތޮޅުތަކުން މާލެއަށާއި އެއް އަތޮޅުން އަނެއް އަތޮޅަށް އަދި އެއް ރަށުން އަނެއް ރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިން ނަމަވެސް ދުވާލަކަށް އަށް ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެ ކަމަށާއި އެގޮތުން ފައިސާ ދޭން ވާނީ އެ ދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށް ފަހު އެތަނެއްގައި މަސައްކަތްކުރާ ވަގުތަށް ކަމަށެވެ.
މީގެ އިތުރުން އެ އީޑީސީގެ ގިނަ މުވައްޒަފުންތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާދާރު ވެރިޔާގެ ބަހެއް ނެތި ފޯނު އެލަވަންސު ދީފައިވާ ކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމަ އެހެންމެ އީޑީސީ އިން ބައެއް ހަރުމުދާ ގެއްލިފައިވުމާއި އެތަނަށް ލިބޭ ފައިސާގެ ރަސީދު ނަހަދާ ފައިސާ ދުވަހުން ދުވަހަށް ފޮތުގައި ހިމަނާފައިނުވާކަން ވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން މާލިޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ބައެއް ކަން އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.