03 Jun 2013, 20:52
ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ އެމްޑީޕީގައި ހުންނެވުމަށް ފަހު މީގެ ކުރިން ވަކިވެޑައިގެންނެވީ "މަސައްކަތެއްގައި" ކަމަށާއި އަލުން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެހެން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވިޓެއްގައި އެވެ. ނަމަވެސް އަލްހާނު އެމްޑީޕީން ވަކިވެޑައިގެންނެވީ ކޮން މަސައްކަތެއްގައި ކަމެއް އެ ޓުވިޓުގައި ވިދާޅުވެފައެއް ނުވެ އެވެ.
"އަލްހާން ފަހުމީ މި ޕާޓީއާ ވަކިވެވަޑައިގަތީ މަސައްކަތެއްގައި. އަލުން އަލްހާނަށް މަރުހަބާ" އެ ޓިވީޓުގައި ވިދާޅުވެފައިވެ އެވެ.
އަލްހާނު އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ހުންނަވަނިކޮން އެ ޕާޓީގެ ގައުމީ މަޖިލީހުން އޭނާ ވަކިކޮށްފައިވަނިކޮށެވެ. އަދި އޭނާ ވަނީ ރައީސް ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ހުންނަވައިގެން ފާޑުވިދާޅުވެ އާ އެމްޑީޕީއެއް އުފެއްދުމަށް މުޒާހާރާކޮށްފަ އެވެ.
އަލްހާން އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ނަމަވެސް އޭނާ އާ ބެހޭ މައްސަލައެއް އެ ޕާޓީގެ ކައުންސިލަށް ހުށަހެޅިފައިވަނިކޮން އޭނާ އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ.
އަލްހާން އެމްޑީޕީން ވަކިވެވަޑައިގަތީ މަސައްކަތެއްގައި ކަމަށް ވިދާޅުވިއަސް، އަލްހާން އެ ވާހަކައާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއްނުވެ އެވެ.
ޑީއާރުޕީގެ ޓިކެޓުގައި ފޭދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި އަލްހާނު ޑީއާރުޕީން ވަކިކޮށްފައި ވަނީ އެ ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓުދެއްވި މައްސަލައެއްގަ އެވެ.