ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވެލެންސިޔާ އަތުން ހަނިގޮތަކަށް 2-1 ލަނޑުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް މޮޅުވެއްޖެ އެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ 72 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީއަކުން އެކުލަބުގެ ފޯވާޑް އަލީ އަޝްފާގު (ދަނގަޑޭ) ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގައެވެ. ނިއުގެ އެ ޕެނަލްޓީއަކީ ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަހުމަދު ތޯރިގްއަށް ވެލެންސިޔާގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީ ކުރި ފަހުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީއެކެވެ.

މިއަދުގެ މެޗުގައި ވެލެންސިޔާ ކޮޅަށް ނިއުއިން ޖެހި ދެ ވަނަ ގޯލަކީ ވެސް ލިބުނު ޕެނަލްޓީއަކުން މެޗުގެ 80 ވަނަ މިނެޓުގައި ދަނގަޑޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އެ ޕެނަލްޓީއަކީ ވެލެންސިޔާގެ އަލީ ސަރީފް އެ ކުލަބުގެ އޭރިޔާތެރެއިން ދަގަނޑޭއަށް ކުރި ފަހުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިއަދުގެ މެޗުގައި ނިއުގެ މިޑްފީލްޑަރު ރިލްވާން ވަހީދު(ކަކާ ރިލޭ) ވެލެންސިޔާގެ ގޯލަށް ފޮނުވާލި ވަރުގަދަ ހަމަލާ ފާހަގަ ކޮށްލެވެ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ވެލެންސިޔާގެ އޭރިޔާ ބޭރުން ކަކާ ރިލޭ ފޮނުވާލި ބާރު ބޯޅަ ގޮސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ވެލެންސިޔާގެ ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ)އަށް މެޗުގެ 79 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާ ގުޅިގެން އޭނާ ދަނޑުން ފޮނުވާލުމުން، 10 ކުޅުންތެރިންނާއެކު ކުޅުނު ވެލެންސިޔާ އިން ނިއުގެ ކޮޅަށް ޖެހި ހަމައެކަނި ލަނޑަކީ ވެސް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ވެލެންސިޔާ އަށް އެޕެނަލްޓީ ލިބުނީ މެޗުގެ 90 ވަނަ މިނެޓުގައި ނިއުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ވެލެންސިޔާގެ އިބްރާހިމް ހަމްދާނަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިޔާ އާއި ދެކޮލަށް ނިއު ކުޅުނު މެޗް 5-0 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނިއުރޭޑިއަންޓެވެ.

މިއަދުގެ މެޗަށް ފަހު ވެލެންސިޔާގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މުޅި މެޗުގައި ވެސް އޭނާގެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށާއި އެގޮތުން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ވެލެންސިޔާ އަށް މެޗުގެ ކުރީ ކޮޅުވެސް ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އެހެން ދުވަސްތަކާ ހިލާފަށް ވެލެންސިޔާގެ ފަރާތުން މިއަދު ފެނުނީ މޮޅު ކުޅުމެއް ކަމަށް ވެސް މޯހަން ބުންޏެވެ.

ނިއުގެ ކޯޗް ޕޮޕޯފް ބުނީ، ވެލެންސިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް މިއަދު ފެނުނު ކަމަށެވެ. އަދި ވެލެންސިޔާގެ ކޯޗަކީ މޮޅު ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވެލެންސިޔާގެ ކުޅުން އިހަށް ވުރެ ބޮޑުތަން ރަނގަޅުކޮށްފި ކަމަށެވެ. އަދި މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ކުޅުންތެރިންގެ ފަރާތުން ދައްކުޅުމެއް ފެނުނު ކަމަށް ވެސް ޕޮޕޯފް ބުންޏެވެ.

މިއަދުގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނަ މަގާމްގައި ނިއު މިހާރު އޮތީ 30 ޕޮއިންޓާއެކު އެވެ. އަދި ވެލެންސިޔާ އޮތީ 15 ޕޮއިންޓާއެކު ތިން ވަނަ މަގާމްގައެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކުލަބާއި މާޒިޔާއެވެ.