ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ހިއްސާ އޮންނަ ކުންފުންޏަކަށް ފައިނޭންސް ލީސިން ކުންފުނިން ނަގާފައިވާ ލޯނެއް ނުދައްކައި އޮތް މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ލީސިން ކުންފުނީގެ ލޯނަކަށް 2009 ވަނަ އަހަރު ޝަރީފު ހިއްސާވާ ކުންފުންޏަކަށް ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަށް ފައިސާ ނުދައްކައިގެން ލޯން ޑިފޯލްޓްވި މައްސަލައެއް ލީސީން ކުންފުނިން ކޯޓަށް ވެއްދީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ނަމަވެސް ޝަރީފު މިއަދު ވިދާޅުވީ އެ މައްސަލަ މިހާރު އޮންނާނީ ލީސިން ކުންފުންޏާ ދެމެދު އައުޓް ކޯޓް ސެޓްލްމަންޓަކަށް ދިއުމަށް އެއްބަސްވެފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ލީސިން ކުންފުނިން ކޯޓުގައި އެ ގޮތަށް ހުށަހަޅާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ ލީސިން ކުންފުނިން ކޯޓަށް ހުށަހަޅާ މައްސަލަތައް ކޯޓަށް ދިއުމަށް ފަހު ކޯޓުން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ޝަރީފު އެ ދައްކަވާ ވާހަކަ ލީސިން އިން ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

ޝަރީފު ލީސިން އަށް ދައްކަން އޮތް ލޯނެއްގެ މައްސަލަ މީޑިއާގައި ފެންމަތިވީ އޭނާ ޕީޕީއެމް ދޫކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީ އަށް ސޮއިކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ލޯނަށް ލީސިން ކުންފުންޏަށް ގެރެންޓީ ދީފައި ވަނީ ސ. ހިތަދޫ އަރާއިރު ހިޔަލީ މުހައްމަދު ރަޝީދެވެ.

ލީސިން ކުންފުނިން އޭނާއާ ދެކޮޅަށް ވެސް ދައުވާ ކުރެ އެވެ.

ހިޔަލީ ސަން އަށް ވިދާޅުވީ މިއަދު އެ މައްސަލައިގެ އަޑުއެހުމަކަށް ކޯޓަށް ކިޔި ކަމަށާއި ނަމަވެސް އެ މައްސަލަ ފަހުން ކެންސަލްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯނަކީ އޭނާ ގެރެންޓީ ދިން ލޯނެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ ލީސިން ކުންފުނިން އޭނާ ހިއްސާވާ ގޮތަށް ގަތް ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ އަގު ދައްކާފައިވާ ކަމަށާއި އަނެއް ލޯންޗުގެ އަގުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮންނާނީ 519،000 ރުފިޔާ ކަމަށެވެ.