03 Jun 2013, 17:52
ރާއްޖޭގެ މީޑިއާތަކަށް ފާރަވެރިވެ، ގާނޫނީ އިމުގެ ތެރެއިން މީޑިއާތައް ހިނގަމުންދޭތޯ ބެލުމަށް ފާރަވެރިވާން އޮތް މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނަށް ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންތަކާއި ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލުން ފާސްކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންތަކުގައި މީޑިއާ ކައުންސިލްގެ މެންބަރުން ބައިވެރިނުވެވޭ ގޮތަށް ލާޒިމްކޮށް އެ ކައުންސިލުން ގާރާރެއް ފާސްކުރީ މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. ރިޔާސަތުގައި އިންނެވި އެ ކައުންސިލްގެ ނައިބު ރައީސް ހުޝާމް މުހައްމަދު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
މީޑިއާ ކައުންސިލުން ބުނީ ޕާޓީތަކަށް ކެމްޕެއިން ކޮށްދިނުމާއި ޕާޓީތަކުގެ އިސް ސަފުގައި އެ ކައުންސިލްގެ މެންބަރުން ހަރަކާތްތެރިވުން މަނާކުރުމަކީ ގާނޫނީ ގޮތުން ހުރަހެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ މެންބަރުން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރާކަތްތެރިވުމަކީ މަނާކަމެއް ގޮތުގައި ފާސްކޮށް ކައުންސިލްގެ ގަވާއިދަށް އެބަދަލު ގެނައުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް މިއަދު އެ ކައުންސިލުން ފާސްކުރި ނިންމުމާ އެކު، މީޑިއާ ކައުންސިލްގެ މެންބަރުން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވުމަކަށް ހުރަހެއް ނާޅަ އެވެ.
މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދަމަހައްޓައި، އެ މިނިވަންކަމަށް އުނިކަމެއް އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނަކުން ލިބިފައިވާ 14 މެންބަރުންގެ ކައުންސިލްގެ ބައެއް މެންބަރުން ވެސް މިހާރު ވެސް ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތެރިވެ އެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ޕާޓީތަކުން ރަށްތަކަށް ކުރާ ދަތުރުތަކުގައި މީޑިއާ ކައުންސިލް ބައެއް މެންބަރުން ބައިވެރިވުމާއި ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވަކި ކެންޑިޓޭޓަކަށް ތާއިދު ހޯދުމަށް މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން ހަރަކާތްތެރިވެފައިވެ އެވެ.
މީޑިއާ ކައުންސިލްގެ މެންބަރުން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ މައްސަލަ ބޮޑުވެފައިވާ އިރު، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިމް ކޯޕަރޭޝަން (އެމްބީސީ) ބޯޑުގެ ކުރީގެ މެންބަރު ނަހުލާ އަލީ ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލި މައްސަލަ ހޫނުވެ، މަޖިލީހުން ވަނީ އެކަން ބަލައިފަ އެވެ. ނަމަވެސް މަޖިލީހުން އެކަމުގައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން ނަހުލާ ވަނީ އެމްބީސީގެ ބޯޑު މެންބަރު ކަމުން އިސްތިއުފާދީފަ އެވެ.
ނަހުލާގެ އިތުރުން އެމްބީސީގެ ބޯޑުގެ އެހެން މެންބަރުން ވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރާކްތެރިވަމުންދެ އެވެ.