ބެއިޖިންގް (ޖޫން 03): ޗައިނާގައި ކުކުޅު ކަތިލައި އޭގެ ހަންނޮޅާ ސިނާޢީ މަރުކަޒެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 119 މީހަކު މަރުވެ 50 އަށްވުރެ ގިނަމީހުން ވަރަށްބޮޑަށް ފިހި ޒަޚަމްވެއްޖެ އެވެ.

ޗައިނާގެ ޖީލީން ސަރަޙައްދުގެ ދިހްވީ ސިޓީގައިވާ ސިނާޢީ މި މަރުކަޒުގައި އަލިފާނުގެ ޙާދިސާ ހިނގާފައި ވަނީ އެތާނގެ ކަރަންޓްގެ ނިޒާމުގައި ބާރުގަދަ ތިން ގޮވުމެއް ގޮވައިގެންކަމަށް އެގައުމުގެ ކަމާބެހޭފަރާތްތަކުން ބުނެ އެވެ. މިޙާދިސާގައި ރޯވި ބޮޑު އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވީ ނަމަވެސް އެމަރުކަޒުގެ ބައެއްތަންތަނުގައި އަދިވެސް އަލިފާނުގެ ގިނިތައް ނުނިވި ހުރިކަމަށް ޚަބަރު ލިބެ އެވެ.

މިޙާދިސާގައި ގިނަ ބަޔަކު މަރުވީ އެތަނުން ނުކުތުމުގައާއި މީހުން ސަލާމަތްކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ބުނެ އެވެ. މި މަރުކަޒުގައި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ތަޙްގީގުކުރަމުން ގެންދާ ކަމަށާ އެމޯނިޔާ ގޭހުގެ ސަބަބުން ނޫނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ވެސް އަލިފާނުގެ ޙާދިސާ ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޗައިނާގެ ފުލުހުން ބުނެ އެވެ.

ކުކުޅު ކަތިލައި އޭގެ ހަންނޮޅާ ސާފުކުރާ މިސިނާޢީ މަރުކަޒު ހިންގާ ކުންފުނީގައި 1200 މީހުން މަސައްކަތްކުރާ އިރު އެކުންފުނިން އަހަރަކު 67 ހާސް ޓަނުގެ ކުކުޅު އުފައްދާ ކަމަށްވެ އެވެ. ކުކުޅު ގެންގުޅެނީ މިމަރުކަޒުގެ ކައިރީގައިވާ ޕޯލްޓްރީ ފާމްތަކުގައެވެ. އަލިފާން ރޯވި ސިނާޢީ މަރުކަޒު ހުންނަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިރުން 800 ކިލޯމީޓަރު ދުރުގަ އެވެ. (ނޫސްއެޖެންސީތައް)