03 Jun 2013, 16:09
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ވިންގް އަމްނާގެ ފަރާތުން 50 މިލިއަން ރުފިޔާގެ އިސްލާމިކް ޝެއާ (ސުކޫކް) ވިއްކަން ނިންމައިފި އެވެ.
އެޗްޑީއެފްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖާ އިބްރާހިމް ދީދީ ވިދާޅުވީ އެ ކުންފުނިން 50 މިލިއަން ރުފިޔާގެ އިސްލާމިކް ޝެއާ ވިއްކުމަށް މިއަދު ނިންމާ ހުއްދައަށް އެދި ސީއެމްޑީއޭއަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ ސުކޫކެއްގެ މޫނުމަތީ އަގަކީ 500ރ. ކަމަށާއި ސުކޫކު ވިއްކުމަށް ނިންމާފައިވަނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުޅުވާލަނީ ރޯދަ މަހާއި ދިމާކޮށް ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް. އެގޮތުން ރޯދަ މަސް ފެށިގެން ރޯދަ މަސް ނިމެންދެން އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލާނީ. ކޮންމެ ސުކޫކެއްގެ ވެލިޔޫއަކީ 500ރ. ދެން ކިތަންމެ ގިނައިން ވެސް ކޮންމެ ބޭފުޅަކަށް ވެސް ސުކޫކު ގަނެވޭނެ،" ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް އިންވެސްޓް ކުރާ ފައިސާއަށް ފައިދާ ލިބޭނީ ހަތް އަހަރުގެ ފަހުން ކަމަށެވެ. އަދި އެސުކޫކަށް އިންވެސްޓް ކުރާ ފައިސާ ބޭނުންކުރެވޭނީ އިސްލާމިކް ފައިނޭންސްގެ ދަށުންކަމަށް އިންވެސްޓްކުރުމަށް ކަމަށް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީއެފްސީގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ޝަރީފް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން "ބަޔާބި ތަގްސިތް" ގެ ނަމުގައި އާ ޕްރޮޑަކްޓެއް ނެރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޑެކްޓް ބޭނުންކޮށްގެން ސަރުކާރަށް އެޗްޑީއެފްސީ މެދުވެރިކޮށް ސޯޝަލް ހައުސިން ސްކީމް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"ސަރުކާރުން އެބަހުރި ސޯޝަލް ހައުސިން ތަކެއް ބިނާކޮށް ލިބެންވާ ފަރާތްތައް ކޮންމެ ވެސް ވަރަކަށް އައިޑެންޓިފައި ކުރެވިފައި. ސަރުކާރުން އެޗްޑީއެފްސީ އާ މަޝްވަރާ ކުރަމުން ގެންދަނީ ކިހިނެއްތޯ މިހެންހުރި ހައުސިން ތައް ހަވާލުކުރެވޭނީ، އެހެން ވީމަ އޭގެ ސްޓްރަކްޗާއެއް އަޅުގަނޑުމެން މި ތައާރަފްކުރީ،" އަލީ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީއެފްސީގެ ޝަރީއާ ކޮމެޓީގެ ޗެއާމަން ޑރ. ޒަކަރިއްޔާ މޫސާ ވިދާޅުވީ އެ ކޮމެޓީއިން މަސައްކަތް ކުރަމުންދަނީ އެޗްޑީއެފްސީ އަމްނާގެ ފަރާތުންދޭ ހިދުމަތަކީ އިސްލާމީ ޝަރީއަތާއި ދީން ހުއްދަ ކުރާގޮތަކަށް ދޭ ހިދުމަތްތަކަށް ހެދުމަށް ކަމަށެވެ.
އެޗްޑީއެފްސީއިން ބުނީ އެކުންފުނިން މިހާތަނަށް ގެދޮރު ހޯދައިދިނުމުގެ ޕުރޮޖެކްޓު ދަށުން 24 ފަރާތަކަށް ފުލެޓް ހޯދައިދިނުމަށް 33 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެއް ހިނގާފައިވާ ކަމަށެވެ.