ޔޮޓް ޓުއާސް މޯލްޑިވްސްއިން ހިންގި އދ. ކުޑަރަށާއި ހއ. އަލިދުއާ ހަވާލުވުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެ ދެރަށް ދާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން އެއްބަސްވުން ބާތިލުކުރި ދެ ރިސޯޓުގެ ތެރެއިން ކުޑަރަށާ ހަވާލުވުމަށް އެ މިނިސްޓްރީގެ ޓީމެއް މިއަދު ދާނެ ކަމަށެވެ. އަދި އަލިދުއަށް ވެސް ޓީމެއް މިއަދު ދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަރަށާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުން ބާތިލުކުރުމަށްފަހު އެ ރަށް ޓޫރިޒަމް މިނިސްޓްރީން ދިއުމާއެކު ވަގުތުން ރަށް ހަވާލުކުރަން ޖެހޭނެ. އަދި އަލިދުއާއެކު ކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ރަށަށް ދާތާ ހަތް ދުވަހުގެ ތެރޭގައި ރަށް ހަވާލުކޮށް ނިންމަން ޖެހޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ރިސޯޓެއްގެ ކުލީގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުން ބާތިލުވުމުން އެ ރަށެއް އަލުން ހިންގަން ޖެހޭނީ ބީލަމަށް ހުޅުވާލައިގެން ކަމަށެވެ. ނަމަވެސް އެ ދެ ރަށް ހިންގަން ބީލަމަށްލާނެ ދުވަހެއް ޓޫރިޒަމް މިނިސްޓްރީން ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުނިން ހިންގި ދެ ރިސޯޓުން ކުލި ނުދައްކައިގެން، ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްގެ މުއްދަތު މިއަދު ހަމަވިއިރު އެ ފައިސާ ދައްކާފައި ނުވާތީ ސަރުކާރުން އެ ދެ ރިސޯޓު އެގްރިމަންޓް އުވާލީ މިިދިޔަ އަންގާރަ ދުވަހު އެވެ.

ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުން ވެސް އެ ދެ ރިސޯޓަކުން ފައިސާ ދައްކާފައި ނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް މިދިޔަ ޑިސެމްބަރު މަހު ވެސް ފޮނުވާފައިވެ އެވެ.

ކުއްޔާއި ޖޫރިމަނާ ނުދައްކައިގެ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރިސޯޓެއްގެ އެގްރިމަންޓް ސަރުކާރުން އުވާލާފައެއްނުވެ އެވެ.