އިބްރާހީމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓު (އައިއެންއައިއޭ)ގެ ސީއައިޕީ އަދި ވީއައިޕީން ބޭނުންކުރާ ލައުންޖުގައި ޑިއުޓީ ފްރީ ފިހާރައެއް ހުޅުވައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްސީއޭއެލް)ގެ މެނޭޖިން ޑައިރެކްޓަރު ޑރ. އިބްރާހީމް މަހުފޫޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އަލަށް ހުޅުވުނު ޑިއުޓީ ފްރީ ފިހާރައަކީ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑެތި ފައިސާވެރިންނާއި އަދި އިއްޒަތްތެރިންނަށް އަމާޒުކޮށްގެން ހުޅުވި ފިހާރައެއް ކަމަށެވެ.

"ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ފައިސާވެރި ޓޫރިސްޓުން މިދަނީ ޑިއުޓީ ފްރީ ނުފެނި. އެމީހުން ސްޕެޝަލް ރޫޓަކުން ދާތީ އެއިން އެއްވެސް ތަނެއް ނުފެނި މިދަނީ. އެހެންވީމާ މިތަން ހެދުމުގެ މަގުސަދަކީ އެފަދަ ފަރާތްތަކަށްވެސް ޑިއުޓީ ފްރީއަށް އެކްސަސް ލިބުން،" ޑރ. މަހުފޫޒް ވިދާޅުވި އެވެ.

މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ވީއައިޕީ ލައުންޖުގައި އަލަށް ހެދި ޑިއުޓީ ފްރީ ފިހާރައިން އެތަނުގައި ހުރި އެހެނިހެން ޑިއުޓީ ފްރީ ފިހާރަތަކުން ވެސް ލިބެން ހުންނަ ބާވަތްތައް ލިބެން ހުރެއެވެ. އަދި އެތަން ހާއްސަކޮށްފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު، ފެންވަރު ރަނގަޅު އަދި އަގުބޮޑު ބްރޭންޑް ތަކުގެ އަތުކުރި ގަޑިއާއި އަވިއައިނު ފަދަ ތަކެތި ވިއްކުމަށް ކަމަށް ޑރ. މަހުފޫޒް ވިދާޅުވި އެވެ.

ޑރ. މަހްފޫޒު ވިދާޅުވީ މިވަގުތަށް ތަންކޮޅެއް ކުޑަކޮށް އެ ފިހާރައިގެ މަސައްކަތް ފެށި ނަމަވެސް ކައިރި މުސްތަގުބަލުގައި އެތަނުގެ ހިދުމަތް މިހާރަށްވުރެ ފުޅާކޮށް އަދި އެތަނުން ލިބެން ހުންނަ ބާވަތްތައްވެސް އެތައް ގުނައަކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަލަށް ހުޅުވި ޑިއުޓީ ފްރީ ފިހާރަ ހިންގާނީ ސީދާ އެމްއޭސީއެލްއިން ކަމަށްވެސް ޑރ. މަހުފޫޒް ވިދާޅުވި އެވެ.