03 Jun 2013, 15:09
ސަރުކާރުން ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ގެންނަ ބިދޭސީންގެ ވިސާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.
"ސަން"އާ ވާހަކަދައްކަވަމުން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ގެންނަ ބިދޭސީންގެ ވިސާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަނީ ރައީސް މުހައްމަދު ވަހީދުގެ އެންގެވުމަކާ ގުޅިގެން ކަމަށެވެ.
"ރައީސް ވަރަށް ކުރިން އަންގަވާފައި އެބައޮތް އެކަން ލުއި ގޮތަކަށް ހަމަޖައްސަން. އެހެން ނަމަވެސް ސިސްޓަމް ތެރޭގައި ހުރި އެކިއެކި މައްސަލަތަކާ ހެދި އެކަން ނުކުރެވި ލަސްވެގެން ދިޔައީ. ނަމަވެސް މުޅިން ނުނިމޭ އެ ދާއިރާތަކަށް ގެންނަ ބިދޭސީންގެ ވިސާ ފީ މައާފްކުރާނެތޯ. އެކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ކޮންޓްރޯލަރު ވިދާޅުވީ ސަރުކާރުގެ އެއް އިދާރާއަކަށް ގެންނަ ބިދޭސީންގެ ވިސާ ފީ އިމިގްރޭޝަނަށް ނެގުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމަން މީރާ އާއި އެޑިއުކޭޝަން އަދި ހެލްތު މިނިސްޓްރީ އާއި ފިނޭންސްއާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓްގައި ހުންނަ ފައިސާއެއް އިމިގްރޭޝަނަށް ޖަމާކުރަން ޖެހޭ ސަބަބެއް ނެތް. އެ ފައިސާ ކޮންމެ ތަނެއްގައި ހުއްޓަސް ބޭނުންކުރަނީ ދައުލަތުގެ ކަންކަމަށް. އެހެންވީމަ އެކަން އެނޫން ގޮތަކަށް ކުރެވޭތޯ މި ބަލަނީ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ އެކި ބޭނުންތަކަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި 2،500 އެއްހާ ޓީޗަރުން ހިމެނެ އެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ އަލަށް ގެންނަ މީހުންނާއި މިހާރު ތިބި މީހުންގެ ވިސާއާ ކުރާއިރު އެ މީހުންގެ ވިސާ ފީ ދައްކަން ނުޖެހޭނެ ގޮތެއް ހަމަޖެހޭތޯ. އޭރުން ވޯކްޕާމިޓް ކާޑު ނެތިގެން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް އަންނާނެ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.