ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމަށް ދިއުމަށް 68 މިލިޔަން ރުފިޔާގެ ޓާޝަރީ ލޯން ސްކީމެއްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އިއްޔެ ހުޅުވާލައިފި އެވެ.

އެޑިއުކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ "ސަން"އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ތައާރަފްކުރި ޓާޝަރީ ލޯން ސްކީމްގެ ދަށުން މި އަހަރު ވެސް 1000 ކުދިންނަށް މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން މިފަހަރު 1000 ކުދިންގެ ފުރުސަތު ހުޅުވާލާނީ ދެ ބުރެއްގެ މަތިން ކަމަށެވެ. އެގޮތުން ފުރުތަމަ ބުރުގައި ފުރުސަތު ހުޅުވާލަނީ 500 ކުދިންނަށް ކަމަށް އައިމިނަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުން މިދިޔައަރު ތައާރަފް ކުރި ޓާޝަރީ ލޯން ސްކީމްގެ ދަށުން މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު މިދިޔަ އަހަރު 1000 ކުދިންނަށް ދެވުނު. އަޅުގަނޑުމެން މިފަހަރު ވެސް 1000 ކުދިންނަށް ފުރުސަތުދޭނަން. އެގޮތުން މިފަހަރު އަޅުގަނޑުމެން ޓާޝަރީ ލޯން ސްކީމްގެ ދަށުން މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައި ވަނީ ދެ ބުރެއްގެ މަތިން. އެގޮތުން ފުރަތަމަ ބުރުގައި އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލަނީ 500 ކުދިންނަށް. އަދި މިއަހރު ފަހުކޮޅުގައި އަނެއް 500 ކުދިންނަށް ފުރުސަތު ހުޅުވާލާނަން، އެއީ ގާތްގަޑަކަށް 68 މިލިޔަން ރުފިޔާ ފުރުތަމަ ބުރަށް ހަރަދު ވާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އައިމިނަތު އަލީ ވިދާޅުވީ މިފަހަރުގެ ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ތިބެގެން މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު 290 ކުދިންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު 210 ކުދިންނަށް ހުޅުވާލާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފަހަރު ފުރުސަތު ހުޅުވާލައިފައިވާ 500 ކުދިންގެ ތެރެއިން 290 ކުދިންނަށް ރާއްޖޭގައި ތިބެގެން މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު ދެވޭނެ. އެއީ ޑިގްރީ ފައުންޑޭޝަން އަށް 30 ފުރުސަތު، ޑިޕްލޮމާ އަށް 60 ފުރުސަތު، ޑިގްރީ އަށް 140 ފުރުސަތު އަދި މާސްތާޒް އަށް 60 ފުރުސަތު. އެކު ޖުމްލަ 290 ފުރުސަތު ރާއްޖޭގައި ލިބިގެންދާނެ. ރާއްޖޭން ބޭރުގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު މި ހުޅުވާލަނީ 210 ދަރިވަރުންނަށް. އެއީ ޑިގްރީ އަށް 140 ފުރުސަރު މާސްޓާޒް އަށް 60 ދަރިވަރުންގެ ފުރުސަތު އަދި މެޑިސިން އެމްބީބީއެސްގެ ފުރުސަތު 10 ދަރިވަރުންނަށް މިފަހަރުގެ ލޯން ސްކީމްގެ ދަށުން ފުރުސަތު ދެވޭނެ، ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމާއި މިއަހަރު ހުޅުވާލި ސްކީމާއި ހުރި ތަފާތްތަކާއި ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިދިޔައަރުގެ ޓާޝަރީ ލޯން ސްކީމްގެ ދަށުން ފުރުސަތު ހުޅުވާލީ މަތީތަޢުލީމަށް އަލަށް ދާން ބޭނުންވާ ކުދިންނަށް ކަމަށެވެ. އެހެން ނަމަވެސް މިއަހަރު މަތީ ތަޢުލީމް އަލަށް ދާން ބޭނުންވާ ކުދިންގެ އިތުރުން މިހާރު ކިޔަވަމުންދާ ކުދިންގެ ތެރެއިން އެއް ސެމިސްޓާ ފުރިހަމަ ނުކުރެވޭ ކުދިންނަށް ވެސް މިފަހަރުގެ ލޯން ސްކީމްގެ ދަށުން ފުރުސަތު ދެވޭނެ ކަމަށް އައިމިނަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު ލޯން ސްކީމަށް ކުރިމަތިލާ ކުދިންނަށް މާކްސް ދިނުމުގައި ގެންގުޅޭ އުސޫލްތަކަށް ބަދަލްތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ތަފާތު އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ބޭނުންވާ ދާއިރާތައް މިފަހަރުގެ އުސޫލުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ޜާއްޖެ އަށް އެންމެ ބޭނުންވާ ދާއިރާތަކުން މަތީ ތައުލީމަށްދާން ހުށަހަޅާ ކުދިންނަށް 15 ޕްއިންޓްދެވޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ކިޔަވަން ދިއުމުގެ އެއްވެސް ފުރުސަތެއް އަދި އެއް ވެސް އެހީއެއް ލިބިފައި ނުވާ ކުދިންނަށް މާކްސް ދިނުމުގައި އިސްކަން ދެވޭނެ ކަމަށާއި އަދި މިހާރު ވަޒީފައި އުޅެމުންދާ ކުދިންނަށް ވެސް މާކްސް ދިނުމުގައި އިސްކަން ދެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަހަރުގެ ލޯން ސްކީމަށް ވަރަށް ބޮޑެތި ބަދަލް ތަކެއް ގެނެސްފައި ވާނެ ކަމަށާއި އެހެން ކަމުން ލޯން ސްކީމަށް އެދި ހުށަހަޅާއިރު ލޯން ސްކީމްގެ ގަވާއިދު ލޯނަށް އެދި ހުށަހަޅާ ދަރިވަރުން ރަނަގަޅަށް ސާފް ކޮށް ކިޔުމަށް މިނިސްޓްރީން އިއުތިމާސް ކުރާ ކަމަށެވެ. އަދި މިފަހަރު ވަކި ކޯހަކަށް ކުރިމަތި ލުމުގެ ބަދަލުގައި މަތީ ތަޢުލީމަށްދާން ބޭނުންވާ ދާއިރާ އުހްތިޔާރް ކުރުމުގެ ފުރުސަތު ކުދިންނަށް ލިބިދެވޭނެ ކަމަށް އައިމިނަތު އަލީ ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ލޯން ސްކީމެއް ތައާރަފް ކުރި ސަބަބާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިފަދަ ލޯން ސްކީމެއް ތައާރަފް ކުރުމުގެ މަގުސަދަކީ މާލީ ދަތިކަމާއި ހުރެ މަތީ ތައުލީމަށް ނުދެވިފގައި ތިބި ކުދިންނަށް އެފުރުސަތު ހުޅުވާލައި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީން ކުރުން ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމަށް ދިއުމަށް އެދި ހުށަހަޅާ ދަރިވަރުންގެ ފޯމްތައް ބަލައިގަންނަން ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފޯމް ހުށަހަޅާތާ ދެ ހަފްތާ ތެރޭގައި ފޯމްތައް ޕްރޮސެސް ކުރާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔައަރު ސަރުކާރުން އަލަށް ތައާރަފް ކުރި ލޯން ސްކީމްގެ ދަށުން 1000 ކުދިންނަށް ފުރުސަތު ހުޅުވާލެވުނެވެ. އެހެން ނަމަވެސް ކޯހަސް ކުރިމަތިލާފައި ވަނީ 526 ކުދިންވެ.