ކަނޑު ދަތުރުފަތުރުކުރުމުގެ މާސްޓަ ޕްލޭން އެކުލަވާލައި ނިންމުމަށް "މެރިޓައިމް ޓްރާންސްޕޯޓް ސްޓޭކް ހޯލްޑަރުން"ގެ މެދުގައި މަޝްވަރާ ކުރުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވަައިފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި އެ ބައްދަލުވުމުގައި ސަރުކާރުގެ މުއައްސަސާ ތަކާއި، އަތޮޅުތަކުގެ ކައުންސިލްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނެވި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮސްއެއިޑް)ގެ މާލީ އެހީތެރިކަމާއެކު ސަރުކާރުން ކުރިއަށްގެންދާ ކަނޑު ދަތުރުފަތުރުގެ މާސްޓާ ޕްލޭން އެކުލަވާ ލުމުގެ ދެވަނަ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމްއާއި، ޑެޕިއުޓީ މިނިސްޓަރު ކެޕްޓަން އަބްދުއް ލަތީފް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއެކު އެ މާސްޓަ ޕްލޭން އެކުލަވާލުމުން ދަތުރުފަތުރުގެ ވިއުގަ ދުރުރާސްތާއަކަށް ތަރައްގީ ކުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.

"ރައްރަށުން ވަޑައިގެންތިއްބެވި ބޭފުޅުން، އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުންގެ ވިސްނުންފުޅުތައް މީގެތެރެއަށް ވަނީމަ ކައުންސިލުތަކުން ވަޑައިގެން ތިއްބެވި ބޭބޭފުޅުން، މި މާސްޓަ ޕްލޭން ތައްޔާރު ކުރުމަށް އެބޭބޭފުޅުންގެ ވިސްނުންފުޅުތަކާއި ތަޖުރިބާ މީގެ ތެރެއަށް ވެއްދީމަ، އަޅުގަނޑު ޔަގީންކުރާ ގޮތުގައި ދުރު ރާސްތާއަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ރާއްޖޭގެ ދަތުރު ފަތުރުގެ ހަރަކާތްތައް ތަރައްގީ ކުރުމުގައި ވަރަށްބޮޑު ފަސޭހަތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވިސްނަންވީ، އާވިސްނުންތަކާ އެކީގައި މަސައްކަތުގެ މަގު ކުރު ކުރުމަށާއި، ހިދުމަތްތައް ފަސޭހަ ކުރުމަށާއި، ހަރަދު ކުޑަކުރުމުގެ އިތުރުން އާވިސްނުންތަކަކާއެކީ ގައި ގައުމަށް ވަންނަ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަނޑު ދަތުރުފަތުރުގެ މާސްޓަ ޕްލޭންގެ ޑްރާފްޓާ ބެހޭގޮތުން، ކެޕްޓަން ލަތީފު ވިދާޅުވީ ކޮންސަލްޓަންޓުން އެލުލަވާލާފައިވާ އެ ޑްރާފްޓްގައި މުސްތަގުބަލުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރުމަށް ހިންގަން ޖެހޭ މަޝްރޫއު ތަކާއި އެމަޝްރޫއު ތަކުގެ މުހިއްމުކަން ދަރަޖަކޮށް އެންމެ ކުރިން ހިންގާނޭ ޕްރޮޖެކްޓް ތަކާއި ފަހުން ހިންގާނޭ ޕްރޮޖެކްޓްތައް އޭގައި ދަރަޖަ ކޮށްފައި ވާނެ ކަމަށެވެ. އަދި ކުރުމުއްދަތާއި މެދު މުއްދަތު އަދި ދިގު މުއްދަތުގެ މަޝްރޫއުތައް އެ ޑްރާފްޓްގައި ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތު ބައްދަލު ވުމުގެ މައިގަނޑު ތިން މަގުސަދުގެ ތެރޭގައި، އެ ބައްދަލުވުމުގެ ބައިވެރިން މެރިޓައިމް ޓްރާންސްޕޯޓް މާސްޓަ ޕްލޭންގައި ހިމެނިފައިވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމާއި އެއަށް އުނި އިތުރު ގެނައުން ހިމެނެއެވެ. އަދި ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ކަންތައްތަކެއް ހުށަހެޅުމަށް ބޭނުންވާނެ ޕްލެޓްފޯމެއް ކޮންސަލްޓަންޓުން ފޯރުކޮށްދިނުމާއި، މެރިޓައިމް ޓްރާންސްޕޯޓް މާސްޓަ ޕްލޭންގައި ފާހަގަ ކުރެވިފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް ބައިވެރިން އެއްބަސްވާ ގޮތެއް ކަނޑައެޅުންވެސް ހިމެނެ އެވެ.