03 Jun 2013, 14:19
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި، ތައިލެންޑުގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
އެކަމަނާ އަށް އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނެވެ.
ތައިލެންޑުގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި، ރައީސް ވަޙީދާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އެހެން ބައެއް އިސް ބޭފުޅުންނާ ވެސް ބޮޑުވަޒީރުގެ ދަތުރުފުޅުގައި ބައްދަލުކުރެއްވި އެވެ. އަދި، އެކަމަނާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ތައިލެންޑުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، ރާއްޖެއާއި ތައިލެންޑާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިފަހުން ތައިލެންޑުގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅަށް ފަހު ދެ ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެ އެވެ. މިގޮތުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ.
މީގެ އިތުރުން ވެސް، ފަސޭހަކަމާ އެކު ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ ފުރުސަތު މަގުފަހިކުރުމަށް ޓަކައި ކައިރި މުސްތަގްބަލެއްގައި ވިސާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ގުޅިފައިވާ ބަޔާނުގައި ހާމަކުރައްވާފައިވެ އެވެ.