03 Jun 2013, 14:16
އަނބުގަހެއްގެ ބަދަލު ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިވާ މައްސަލައެއްގައި ފުވައްމުލަކު ކުރީގެ ކަތީބު އަބުދުﷲ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް މައްސަލައެއް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކު ގްރީކްގޭ ގޯތިތެރޭ ހުރި އަނބުގަހަކުން މޭވާގެއަށް އުނދަގޫވާތީ ކަނޑާލަން ޖެހުނު ގަހުގެ ބަދަލު ދިނުމުގައި އެ ރަށު ކައުންސިލަރު އިބްރާހިމް ފިކުރީ ގަވާއިދާ ޚިލާފަށް ފައިސާ ނަގާފައިވާ ކަމަށް ކޮށްފައިވާ މައްސަލަ ތަހުގީގުކުރި އިރު، އަނބުގަހާ ބެހޭ މައުލޫމާތު ރިޕޯޓުގައި އެގަހުގެ ވަށަމިނަކީ 1300 ސެންޓި މީޓަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެގަހުގެ މިން ނެގުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ސޮއިކޮށްފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ކަމަށްވާ ތީ އާއި ފުވައްމުލަކު އޮފީހުގެ ރުއްގަހުގެ ބަދަލުދިނުމާ ގުޅޭ މަސައްކަތް ކުރާ ޑީ ސެކްޝަނުގެ އިސްވެރިއެއްގެ ގޮތުން އެދުވަސްވަރު މަސައްކަތްކޮށްފައި ވަނީ ފުވައްމުލަކު އޮފީހުގެ އޭރުގެ ކަތީބު އަބުދުﷲ ސައީދު ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނެފައި ވަނީ އަނބުގަހުގެ ވަށަމިނަކީ ރަނގަޅު މިނެއްތޯ ބެލުމަކީ އަބްދުﷲ ސައީދުގެ ޒިންމާއެއް ކަމަށާއި އަދި މިންނެގުމުގައި އިހުމާލުވެފައިވާ ކަމަށް އަބުދުﷲ ސައީދު އެއްބަސް ވެފައިވާ ކަމަށެވެ. އަދި އަނބުގަހުގެ ވަށަމިނަކީ 1300 ސެންޓި މީޓަރު ކަމަށް އޮޅިގެން ޖެހިގެން ބަދަލު ފައިސާ އިތުރަށް ދީފައިވާ ކަމަށް އަބުދުﷲ ސައީދު ބުނެފައިވާ އިރު، 1300 ސެންޓި މީޓަރު އަނބުގަހެއްގައި ހުރުމަކީ އާންމުކަމަށް ނުވާ އިރު، ރުއްގަހުގެ ބަދަލު ދިނުމުގެ މަސައްކަތް އާންމުކޮށްކުރާ ފަރާތަކަށް އެކަން ފާހަގަކުރެވެން ޖެހޭނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުވައްމުލަކުގެ ކުރީގެ ކަތީބުގެ މައްޗަށް ކޮށްފައިވާ ތުހުމަތުގައި އަދި ބުނެފައި ވަނީ އެ ގަހުގެ ބަފަލުގެ ގޮތުގައި ދޭންޖެހޭ އަގަށް ވުރެ 8،265ރ. އިތުރަށް ގަހުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ އިރު، އެއީ އާންމުކޮށް އަނބުގަހެއްގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދެއް ނޫންކަން އަބުދުﷲ ސައީދަށް ފާހަގަ ކުރެވެންޖެހޭނެ ކަމަށް އޭސީސީން ބުނެ އެވެ. އަދި އެކަމަކީ އަބްދުﷲ ސައީދު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ވާތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން އަބްދުﷲ ސައީދުގެ މައްޗަށް މަގާމުގެ ނުދޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ. ނަމަވެސް އެ މައްސަލަ ޕީޖީއަށް ފޮނުވީ ކޮން ތާރީޚެއްގައި ކަމެއް އޭސީސީއަކުން ނުބުނެ އެވެ.
އަބުދުﷲ ސައީދުގެ އެއަމަލުގެ ސަބަބުން ދައުލަތުން އިތުރަށް ޚަރަދު ކުރަންޖެހުނު 8،265ރ.ގެ ބަދަލު ހޯދުމަށް ވެސް ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ.
ރުއްގަހުގެ ބަދަލު ދިނުމަށް ބޭނުންވާ 76،301.76ރ. ހޯދުމަށް ފުވައްމުލަކު އޮފީހުގެ ޑީސެކްޝަނުން ބީ ސެކްޝަނަށް ފޮނުވާފައިވާ ނޯޓުގައާއި ރުއްގަހުގެ ތަފްސީލު ލިސްޓުގައި ސޮއިކޮށްފައި ވަނީ ވެސް އަބުދުﷲ ސައީދު ކަމަށް އެސީސީން ބުނެ އެވެ. އަދި ރުއްގަހުގައި ފުވައްމުލަކު އޮފީހުގެ ފަރާތުން ނަމްބަރުޖަހައި ފަލަމިން ނޯޓުކޮށް ތަފްސީލު ލިޔުނު އިރު ގިނަ ގަސްތަކެއްގެ ވަށަމިން ބަލާފައި ވަނީ ނުބައިކޮށް ކަމަށް ފާހަގަވެގެން އެގަސްތަކުގެ މިންތައް އަލުން ޗެކްކުރުމަށް ފަހު އަތޮޅު އޮފީހަށް ފޮނުވި ޝީޓުގައި ވެސް ސޮއިކޮށްފައި ވަނީ އަބުދުﷲ ސައީދެވެ. ނަމަވެސް ބައެއް ރުށްގަހުގެ މިންތައް އިސްލާހުކޮށްފައި ނުވާތީ އެ ރުއްގަހުގެ ބަދަލުގެ ގޮތުގައި 9،681.50ރ. އިތުރަށް ޚަރަދުކޮށްފައި ވާތީ އެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.