ރާއްޖޭގެ ޑިމޮކްރެސީގެ އެންމެ ރީތި މިސާލަކީ އެމްޑީޕީ ކަމަށާއި އެކަން އެހެންވީ ސަރުކާރު ހިންގަމުން އަންނަ އެ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާއިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.


މާރިޔާ މިހެން ވިދާޅުވީ ދަރުބާރު ގޭގައި އެމްޑީޕީގެ ކޮންގްރެސް މިރޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މިރޭ 9:00 ޖެހިއިރު ކުލަގަދަކޮށް ފެށި ކޮންގްރެސްގައި ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.


މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ޕާޓީގެ މެންބަރުންގެ އަދަދު 18 މަސްދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެ 41000 އަށް އރާފައިވާ ކަމަށެވެ.


"މެމްބަރުންގެ އަދަދު ދެ ގުނައަށް އިތުރުވެގެން ދިއުމަކީ ޕާޓީއަށް ލިބެމުންދާ ކުރިއެރުންތައް ރަމްޒުކޮށްދޭ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.


ގާތްގަޑަކަށް 1000 ގާތްކުރާ އަދަދެއްގެ މަންދޫބުންނާއެކު ކޮންގްރެސް ފަށަމުން މާރިޔާ ވަނީ ޕާޓީ ހިނގައި ދިޔަ ގޮތުގެ ރިޕޯޓެއް ވެސް އިއްވައިފަ އެވެ.


މި ކޮންގްރެސް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް އޮންނާނީ މާދަމާ އެވެ. ކޮންގްރެސް ނިންމުން އޮންނާނީ ހޮނިހިރުގަ އެވެ.