03 Jun 2013, 14:03
ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ގާނޫނާއި ގަވާއިދާ ޚިލާފަށް ކުރިމަތިވަމުންދާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން 420 ގައިދީ އަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މާފުށީ ޖަލުގެ ގައިދީންގެ ފަރާތުން ރައީސަށް އިއްޔެ ފޮނުވި 25 ސޮފްހާގެ ޕެޓިޝަންގައި ބުނެފައި ވަނީ މީހަކު ކުށެއް ކުރުމުން އެކުށަށް އަދަބެއް ދިނުމުގެ އެންމެ މުހިންމު ކަމަކީ އެ ކުރީ ކުށެއްކަން އެމީހަކަށް ވިސްނައިދީ އެމީހަކީ މުޖުތަމައު ބޭނުން ހިފޭ މީހަކަށް ހެދުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކަންތައް ކުރަނީ އެއާ ދިމާ އިދިކޮޅަށް ކަމަށާއި ރާއްޖޭގައި އަމަލު ކުރަނީ މީހަކު ކުށެއް ކުރުމުން އަދަބުދެނީ އެމީހަކު އެ ވޭނެއްގައި މުޅި އުމުރު ތަހައްމަލު ކުރަން ޖެހޭ ފަދަ ގޮތަށް ކަމަށެވެ. އަދި ކުރާ ކުށެއްގެ ސަބަބުން އެމީހާގެ ހިތުތެރޭ ގައުމާ ދޭތެރޭ ނަފުރަތު އުފެދޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ވެސް ގައިދީންގެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
ގިނަ ގައިދީންނަށް ކޮށްފައިވާ ހުކުމްތަކަކީ ކުރި ކުށާ އެކަށީގެންވާ އަދަބުތަކެއް ނޫންކަން ފާހަގަކޮށް ބުނެފައި ވަނީ ބައެއް ގައިދީންގެ މައްޗަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އިރު ބައެއް މީހުންގެ މައްޗަށް 100 އަށް ވުރެ ގިނަ އަހަރަށް ހުކުމްކޮށްފައި އެބަތިބި ކަމަށެވެ.
އެ ޕެޓިޝަނުގައި އަދި ބުނެފައި ވަނީ ކ. މާފުށީ ޖަލާއި އަދިވެސް ރާއްޖޭގެ އެހެން ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީންނަށް ދީނީ އަޅުކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާ އިރު، މާފުށީ ޖަލުގެ ބައެއް ކުދި ގޮޅިތަކަކީ ގިބްލައަށް ސަޖިދަ ކުރެވެން ނެތް ގޮޅިތަކެއް ކަމަށެވެ. އަދި ދެ މީހުންގެ ޖާގަ ހުންނަ ގޮޅިތަކަށް ހަތަރެއް ނުވަތަ މީހުންނަށް ވުރެ ގިނަ އިން ގައިދީންލާފައި ތިބޭ އިރު ނަމާދު ކުރެވޭނެ ގޮތެއް ގޮޅިތަކުގައި ހަމަޖައްސައިދީފައިނުވާ ކަމަށެވެ. އަދި ހަތަރު އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައި ވަނީ ހުކުރު ނަމާދު ކުރެވޭނެ ގޮތެއް ނެތި ކަމަށް ވެސް ގައިދީންގެ ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. ގައިދީންގެ ޕެޓިޝަންގައި ބުނެފައި ވަނީ ޖަލުގައި ނަމާދު ނުކުރެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ވަރަށް ތަފްސީލީ ސިޓީއެއް 22 ނޮވެމްބަރު 2012ގައި ގައިދީއަކު އިސްލާމިކް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ ކޮންމެ ބޮލަކަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ޖަލު އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އަދި ޖަލު ބަލަހައްޓާ ފަރާތުން ދީނީ އަޅުކަން ކުރުމުގެ ފުރުސަތެއް ދީފައިނުވާތީ އެކަމުގެ ޝަކުވާ ކުރުމުން ވެސް ކަމާބެހޭ ފަރާތުން އަޅާލާފައިނުވާ ކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
އަދި ޖަލުގެ ގައިދީންގެ ބޮލަކަށް ކެއުމަށް ދުވާލަކަށް 35ރ. ބޮލަކަށް މިހާރު ޖެހޭ އިރު ކާތަކެތި "ނަޖިސް ކަމުން" ގިނަ ގަޑިތަކުގައި ގައިދީން ނުކައިތިބޭ ކަމަށް ވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްގައިވެ އެވެ. އަދި ޖަލުގެ ގައިދީންނަށް އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭ ކަމަށާއި މިދިޔަ 2012 ވަނަ އަހަރު އެއްގޮތަކަށް ވެސް ގައިދީއަކަށް ޖަލުން ސިއްހީ ފަރުވާދީފައިނުވާ ކަމަށެވެ. އަދި ބައެއް ގައިދީންނަށް އެކަމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އެކަމުގެ ތަފްސީލު ވެސް ވަނީ ގައިދީންގެ ނަންތަކާ އެކު ޕެޓިޝަންގައި ހިމަނާފަ އެވެ.
މީގެ އިތުރުން ވެސް ގައިދީންނާ މެދު އަމަލުކުރާ ކަންތައްތަކުގެ ކަންބޮޑުވުން އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޖަލުގެ ގައިދީން ގޮވައިގެން ދަތުރުކުރާ އިރު ސަލާމަތީ ކަންކަން ފުރިހަމަ ނުކުރާ މައްސަލައި ޖަލުގައި ތިބޭ ގައިދީންނާއި ގައިދިން ކައިވެނި ކުރުން ޑީޕީއާރުއެސް އިން މަނާކޮށްފައިވާ މައްސަލަ އާއި ގައިދީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު އޮންނަ އުސޫލުގެ ދަށުން އުޖޫރަނުދޭ މައްސަލަ ފާހަގަކޮށްފައިވެ އެވެ.
ހުކުމް ތަންފީޒު ކުރަމުންދާ 420 ގައިދީއަކު ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި މެރުމަށް ހުކުމް ކޮށްފައިވާ ބައެއް ގައިދީންނާއި މީހުން މެރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައި ތިބި ގައިދީން ވެސް ހިމެނެ އެވެ.
އެ ޕެޓިޝަނާ ގުޅިގެން ޑީޕީއާރުއެސްގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފަ އެވެ.