މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބު ވެލެންސިޔާއަށް ގެނައި ބަލްގޭރިޔާގެ ތިން ކުޅުންތެރިން ފޮނުވާލަން އެކުލަބުން ނިންމައިފި އެވެ.

ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ކުލަބަށް މިވަގުތު ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އެ ތިން ކުޅުންތެރިން މިހަފްތާގެ ތެރޭގައި ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިން ފޮނުވާލާނީ އެ ކުޅުންރިތެރިންގެ މުސާރައިގެ ކަންތައްތައް ހަމަޖައްސައި ދިނުމަށްފަހު ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

"އެތިން ކުޅުންތެރިން ފޮނުވާލަނީ މާލީ ހާލަތު ގޯސްވުމުން. މިހަފްތާ ތެރޭގައި އެކުޅުންތެރިން ފޮނުވާލާނަން. އެގޮތުން މިހަފްތާ ތެރޭގައި އެކުޅުންތެރިންގެ މުސާރައިގެ ކަންތައްތައް ހަމަޖައްސާނަން" ބައްސާމް ވިދާޅުވި އެވެ.

އެ ތިން ކުޅުންތެރިންގެ ތެރެއިން ފޯވަޑް ކުޅުންތެރިޔާގެ ފެންވަރުދަށްވުމުން އޭނާ ފޮނުވާލަން ވެލެންސިއާއިން އޮތީ މީގެ ކުރިން ވެސް ނިންމާފަ އެވެ. އަދި އެ ކުޅުންތެރިންގެ ބަދަލުގައި ބިދޭސީ އިތުރު ކުޅުންތެރިން ގެނައުމަށް އަދި ވެލެންސިޔާއިން ނިންމާފައި ނުވާކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ދިރާގު ދިވެހި ލީގުގައި ވެލެންސިޔާ އޮތީ 15 ޕޮއިންޓާއެކު ލީގުގެ ތާވަލުގެ ތިން ވަނައިގަ އެވެ. ލީގުގައި މިއަދު ހަވީރު 4:00 ޖަހާއިރު ވެލެންސިއާ ނުކުންނާނީ 27 ޕޮއިންޓާއެކު ލީގުގެ އެއްވަަނައިގަ އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.