03 Jun 2013, 13:48
ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި ރޭ ބްރެޒިލް އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗް 2-2 ލަނޑުން ދެ ޓީމް އެއްވަރު ވެއްޖެ އެވެ.
ބްރެޒިލްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ނެގީ ބްރެޒިލް އެވެ. އެ ލަނޑު ދެ ވަނަހާގުގެ 57 ވަނަ މިނެޓުގައި ބްރެޒިލްއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ފްރެޑް އެވެ. އެހެން ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން އިންގްލެންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އެލެކްސް އޮކްލޭޑެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބްރެޒިލް ސިއްސުވާލީ އިންގްލޭޑުގެ ފޯވާޑް ވޭން ރޫނީ މެޗުގެ 79 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލި ހިސާބުންނެވެ. އެހެންނަމަވެސް މެޗު ނިމެން ދަނިކޮށް ބްރެޒިލްއިން ލަނޑެއް ކާމިޔާބުކޮށް 2-2 އިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެލަނޑު ބްރެޒިލްއަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޕޯލީނިއޯ އެވެ.
މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ހޮޖްސަން ބުނީ، ރަށުން ބޭރުގައި އޭނަގެ ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ދެއްކި ކަމަށް ވެސް ކޯޗް ހޮޖްސަން ބުންޏެވެ.
ބްރެޒިލްގެ ކޯޗް ލުއިސް ސްކޮލާރީ ބުނީ، މުޅިމެޗުގައި ވެސް އޭނަގެ ޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތު ތައް ތަނަވަސް ކުރިކަމަށާއި އެހެން ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ނުހިފިއުމުގެ ސަބަބުން ޓީމަށް އޭގެ އަސަރުކޮށް ޕްރެޝާ ބޮޑުވީ ކަމަށެވެ.