03 Jun 2013, 13:29
ތައިލެންޑަށްދާ ދިވެހިންނަށް ވިސާ ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ރާއްޖެއިން ހުށަހަޅައިިފި އެވެ.
ތައިލެންޑް ސަރުކާރުގެ އިސް ތަރުޖަމާން ތިރަތް ރަތުނަސެވީއާ ހަވާލާދީ ބެންކް ޕޯސްޓް ނޫހުގައި ބުނެފައި ވަނީ ރާއްޖެ އިން އެކަމަށް އެދި ހުށަހަޅާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދާއި ތައިލެންޑްގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ އެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖެއާ ގުޅިގެން ތަރައްގީއަށް މަސައްކަތްކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުފެފައިވެ އެވެ.
ތައިލެންޑަށްދާ ދިވެހިންނަށް އޮން އެރައިވަލް 15 ދުވަހުގެ ވިސާ ދެނީ 30 ޑޮލަރު ދެއްކުމުންނެވެ. ނަމަވެސް ސާކު ގައުމުތަކުގެ އިތުރުން މެލޭޝިއާ ސިންގަޕޫރު ފަދަ ގައުމުތަކަށްދާ ދިވެހިންނަށް އޮން އެރައިވަލް އެއް މަސް ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ.
ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ދަތުރުކުރާ ގައުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު އަހަރަކު 30 ޕަސެންޓް އަންނަނީ އިތުރުވަމުންނެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ގައުމަށް 100،000 ދިވެހިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސުހިސާބުތަކުން ދައްކަ އެވެ.
ތައިލެންޑާ ދެމެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާ އިރު ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި 109 މިލިއަން ޑޮލަރު (1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ)ގެ ވިޔަފާރިކުރެވިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ހޮނިހިރު ދުވަހު ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް މުހައްމަދު ވަހީދާ ބައްދަލުކުރައްވައި ވިދާޅުވީ ރާއްޖޭގައި 700 އަށް ވުރެ ގިނަ ތައިލެންޑް މީހުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ތައި އަންހެން ކުދިންލައްވައި ގަދަކަމުން މަސައްކަތްކުރުވާ ކަމުގެ ރިޕޯޓް ލިބިވަޑައިގެންފައިވާތީ އެކަމާމެދު ބޮޑުވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.