މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7ގައި ބައެއް ފުލުހުންގެ ފަރާތުން ފެނުނު ޖިނާއީ ކުށްތަކާ ގުޅިގެން ހަތަރު ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓީ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7ގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި ކޮމިޝަނަށް ފެނިގެން ބަލަން ނިންމި ޖުމްލަ 20 މައްސަލައިގެ ތެރެއިން 18 މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ.

ޕީއައިސީން ބެލި 20 މައްސަލައިގެ ތެރެއިން 12 މައްސަލައަކީ އަނިޔާގެ މައްސަލަތައް ކަމަށާއި އަށް މައްސަލައަކީ ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ ޣައިރު ގާނޫނީ އަމުރު ކުރުމާއި އެފަދަ އަމުރަށް ތަބާވުމާއި ފުލުހުންގެ ވަޒީފާގެ ވާޖިބަށް އިހްމާލުވުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖިނާއީ މައްސަލަތަކާ ގުޅިގެން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ހަތަރު ފުލުހުންގެ ތެރެއިން، ތިން ފުލުހުންނަކީ ކޮމިޝަންޑް އޮފިސަރުން ކަމަށް ޕީއައިސީން ބުންޏެވެ.

ވެރިކަން ބަދަލުވި ދުވަހު ހިނގި ހާދިސާތަކާ ގުޅިގެން 18 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާއިރު، ފެބްރުއަރީ 8 ވަނަ ދުވަހު ބައެއް ފުލުހުން ހިންގި ޖިނާއީ ކުށްތަކާ ގުޅިގެން 24 މައްސަލައެއް އެ ކޮމިޝަނުން ވަނީ ތަހުގީގުކޮށްފަ އެވެ. އޭގެ ތެރެއިން އަނިޔާގެ މައްސަލަތަކާ ގުޅިގެން ހަ މައްސަލައަކަށް ހެކި ލިބިފައިވުމުން އެ މައްސަލަތައް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

މަޖިލީހުގެ ކޮމެޓީއަކަށް ޕީއައިސީންގެ ނައިބު ރައީސް ހާލާ ހަމީދު ދެއްވި މައުލޫމާތުތަކުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފުލުހުންގެ ފަރާތުން ފެނުނު ޖިނާއީ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި 29 މައްސަލަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ މައްސަލައެއް ނިންމައި ޕީޖީއަސް ފޮނުވާފައިވާ ކަމަށް ހާލާ ހަމީދު ވިދާޅުވި އެވެ.

ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ދައުވާކޮށްފައި ވަނީ އެންމެ ފުލުހެއްގެ މައްޗަށެވެ. އެއީ ފުލުހުންގެ ވަޒީފާގައި މިހާރު ވެސް ހުރި ފ. ނިލަންދޫ ޖަނަވަރީމާގެ އަލީ އަހުމަދެވެ. އޭނާގެ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.