ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗުގައި އެމެރިކާ އަތުން 4-3 ލަނޑުން ޖަރުމަން ބަލިވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ނެގީ އެމެރިކާއިންނެވެ. އެ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެމެރިކާ އަށް ކާމިޔާބު ކޮށްދިނީ ޒުޗާން ފޯވާޑް ޖޯޒީ އަލްޓީޑޯ އެވެ. އަދި އޭގެ ތިން މިނެޓް ފަހުން އެމެރިކާ އިން ވަނީ މެޗުގެ ލީޑް 2-0 ލަނޑަށް ބަދަލުކޮށްލައިފަ އެވެ. އެމެރިކާ އިން ޖަރުމަން ކޮޅަށް ޖެހި ދެ ވަނަ ލަނޑަކީ ޖަރުމަނުގެ ޒުވާން ގޯލްކީޕަރު ސްޓެގެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.


ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ޖަރުމަނުން އެމެރިކާކޮޅަށް ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލީ ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ހީކޯ އެވެ. އެހެން ނަމަވެސް އެމެރިކާގެ މިޑްފީލްޑަރު ކުލައިޓް ވަނީ 60 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 ލަނޑަށް ބަދަލުކޮށްލައިފަ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ކުލައިޓް ވަނީ އޭނަގެ ދެ ވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ.


ރޭގެ މެޗުގައި އެމެރިކާ ކޮޅަށް ޖަރުމަނުން ޖެހި ފަހު ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި މިޑްފީލްޑަރު މެކްސް ކާމިޔާބު ކޮށްދިން އިރު އަނެއް ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާ އެވެ.


ރޭގެ މެޗަށް ފަހު އެމެރިކާގެ ކޯޗު ކްލިންސްމަން ބުނީ، ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގެ ދެ ވަނަ މަގާމްގައި އޮތް ޖަރުމަން ބަލިކުރުމަކީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ރޭގެ މެޗުގައި އެމެރިކާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތް ވަރުގަދަ މޮޅު ކުޅުމެއް ކަމަށެވެ.


ރޭގެ މެޗުން އެމެރިކާ މޮޅުވިއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 29 ވަނަ މަގާމްގައެވެ. އަދި ވެސް ދުނިޔޭގެ ރޭންކިންގައި އޮތީ ސްޕެއިންނެވެ.