03 Jun 2013, 13:03
އދ.ގެ ސްޕެޝަލް ރެޕެޓުއާ ގެބްރިއާލް ކެނާލް އދ.ގެ ހިޔުމަން ރައިޓްސް ކައުންސިލް އަށް ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ ޖުޑިޝަރީގެ ހާލަތާ ގުޅޭ ރިޕޯޓްގައިވާ ކަންކަން ވަގުތުން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އދ.ގެ ރެޕެޓުއާ ރާއްޖޭގެ ޖުޑިޝަރީއާ ގުޅޭ ގޮތުން ތައްޔާރުކޮށް އދ.ގެ ހިޔުމަން ރައިސްޓްސް ކައުންސިލް އަށް ހުށަހަޅުވުއްވާފައިވާ ރިޕޯޓުގައި ވަރަށް ސީރިޔަސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު ބައްޓަންކޮށްފަައިވާ ގޮތުން ރާއްޖޭގައި އިންސާފުގާއިމް ކުރުމަށް ވަރަށް ގިނަ ދަތިތަކެއް ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރިކަން އދ.ގެ ރެޕެޓުއާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ފާހަގަ ކުރެއްވި ކަމަށެވެ. އެގޮތުން ޖުޑިޝަލްސް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ރެޕެޓުއާ ފާހަގަ ކުރައްވާފައިވާކަން އިމްތިޔާޒް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ބަހުސް ކުރައްވަމުން ޑިއާރްޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއާ ގުޅޭ ގޮތުން އދ.ގެ ރެޕެޓުއާ އދ.ގެ ހިޔުމަންރައިޓްސް ކައުންސިލް ހުށަހަޅުވާފައިވާ ރިޕޯޓުގައިވާ ކަންކަމަކީ ސީރިޔަސް މައްސަލަތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލައަކީ މަޖިލީހުގައި ބަހުސް ކުރެވެން ޖެހޭނެ މައްސަލައެއް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
ރިޕޯޓްގައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބާރުއަޅުއްވާފައި ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައިވާ މައްސަލަތައް ހައްލު ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަޝަވަރާ ކުރުމަށް ކަމަށް މައުސޫމް ވިދާޅުވި އެވެ. އެގޮތުން މައުސޫމް ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލުކުރަމުން މިދާ ފެހި ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ޖުޑިޝަލް ސާވީސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރިޕޯޓުގައި ބާރު އަޅުއްވާފައިވާކަން މައުސޫމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާ އަށް ހުށަހެޅުނު ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އެ މައްސަލަ އަށް ތާއިދު ކުރެއްވި އެވެ. އަދި ހުރިހާ މެންބަރުން ވެސް ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އދ.ގެ ރެޕެޓުއާ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން އދ.ގެ ހިޔުމަންރައިޓްސް ކައުންސިލް އަށް ހުށަހެޅި ރިޕޯޓުގައިވާކަންކަން ތަންފީޒް ކުރުމަށް ހުރިހާ މެންބަރުން ވެސް ސަރުކާރަށާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ގޮވައިލެއްވި އެވެ.