03 Jun 2013, 12:17
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެއްޓުމަށް ކޮންނަ ބޯޓު އެ ސަރަހައްދަށް ވެއްދުމަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ފަލަސްތީނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު ބޭއްވި ބައްދަކުރެއްވުމުގައި ނޫސްވެރިއަކު ދެެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ގަން އެއާޕޯޓް ދެކުނަށް ބޮޑު ކުރާ ސަރައްދަށް ކޮންނަ ބޯޓަށް ވެއްދުމަށް ކަނޑައަޅާފައި އޮތް ސަރަހަހައްދުގައި ހަރު ގާތަކެއް ހުރުމުން އެގާތަށް ކެނޑުމަށް ހުރަސްތަކެއް ހުރި ކަމަށާއި އެހެން ކަމުން އެގައުތައް ނުކެނޑި އެ މަސައްކަތް ކުޑަކޮށް މަޑުޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދެވެން އޮތީ އެހެން ކުންފުނިތަކުގެ އެހީ ހޯދައިގެން ކަމަށާއި ގައުތައް ކަނޑައިގެން ކޮންނަ ބޯޓަށް ވަދެވިގެން ކަމަށެވެ.
"ކޮންނަ ބޯޓަށް އެތަނަށް ވަނުމަށް ބައެއް ހުރަސްތަކެއް އެބަހުރި ކުރިމަރިވެފައި. އެއީ ކޮންނަ ބޯޓު ވަނުމަށް ކަނޑަން ޖެހޭ ގާތަކުގެ ތެރެއިން ވަރަށް ހަރު ގާތަކަކާ ޖެހިގެން މިހާރު ނުކެނޑިގެން އެ މަސައްކަތް ކުރަމުން މިހާރު އެ ގެންދަނީ. އެހެންވީމާ އެހެން ކުންފުނިތަކުގެ އެހީ ވެސް ހޯދައިގެން އެ ކެނޑުނީމާ އެ ބޯޓަށް އެތެރެއަށް ވަދެވެން އަންނަނީ. އެހެންވީމާ ކުޑަ ލަސްވުމެއް އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ގާތައް ނުކެނޑިގެން ފަރު ގޮއްވާލަން ނިންމާނީ އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
"[ފަރު] ގޮއްވާލާނީ އެހެން އެއްވެސް ގޮތެއް ނެތިއްޔާ. ގޮއްވާލުމުގައި ވެސް އެބަހުރިތާ ކޮންޓްރޯލްކޮށް ގޮއްވާލެވޭނެ ގޮތް ގޮތް. އެހެންވީމާ އެ ހުރިހާ ގޮތަކަށް އަޅުގަނޑުމެން ބަލާނަން. އިރާދަކުރެއްވިއްޔާ ގޮއްވުމުގެ އެއްވެސް ކަމެއް ނުހިނގާނެ ދެން ހުރިހާ ގޮތެއް ނެތުނީމަ ނޫނީ،" ރައީސް ވިދާޅުވި އެވެ.
ގަން އެއާޕޯޓް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތަށް ފަޅުހިއްކުމަށް ގެނައި ކޮންނަ ބޯޓު ވެއްދުމަށް މަސައްކަތް ކުރަމުންދަނީ ގަމާއި ފޭދުއާ ދިމާލު ފުއްޓަރުން ނެރެއް ހަދައިގެންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގުކޮށް ބޮޑު ކުރުމަށް ހިންގާ މަޝްރުއުގައި އެއާޕޯޓް 900 މީޓަރަށް ދިގުކޮށް އެ ސަރަހައްދު 350 މީޓަރު ފުޅާ މިނުގައި ހިއްކުމަށް ވަނީ ނިންމާފަ އެވެ.