03 Jun 2013, 12:11
މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބިހާއި އަލުއްވާއި ފިޔާ ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ "ސަން" އަށް ވިދާޅުވީ ރޯދަ މަހަށް ގެންނަ ޝިޕްމަންޓް ރޯދަ މަސް ފެށުމުގެ 20 ވަރަކަށް ދުވަސް ކުރިން ރާއްޖެ ގެންނާނެ ކަމަށާއި އެ ކުންފުނިން ބަލަނީ ރޯދަ ފެށުމުގެ ކުރިން ވެސް ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އަހަރުތަކޭ އެއްފަދައިން މިފަހަރު ވެސް ރޯދަޔަށް ހާއްސަކުރެވިގެން ޝިޕްމަންޓެއް ގެންނާނަން. އެގޮތުން ފިޔާ އަލުވި ބިސް ގެންނާނީ ރޯދަ ފެށުމުގެ 20 އަކަށް ދުވަސް ކުރިން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިފަހަރު ވެސް ރޯދަޔަށް ހާއްސަ ކޮށްގެން ތަފާތު ބާވަތްތަކުގެ މުދާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ބާވަތްތަކެއް ކަމެއް ޝާހިދު ވިދާޅެއްނުވެ އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯގެ މަގުސަދަކީ ވީހާވެސް އަގުހެޔޮކޮށް އެ ތަކެތި ފޯރުކޮށް ދިނުން ކަމަށާއި ރޯދަޔަށް ހާއްސަކޮށްގެން ގެންނަ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.