މާލޭގައި އާބަން ޕްރައިމަރީ ހެލްތުކެއާ ކްލިނިކެއް ގާއިމްކުރުމަށް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ އިން އެމްއެސް ކާޕެންޓްރީއާ ހަވާލުކޮށްފި އެވެ.

ކަރިޓަސް އިޓާލިއާނާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ޕްރައިމަރީ ހެލްތުކެއާ ކްލިނިކު ގާއިމްކުރަން ހަމަޖެހިފައި ވަނީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގެ ބޭނުންނުކުރާ ދެ ފަންގިފިލާއެއް މަރާމާތުކޮށްގެން ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ކަރިޓަސް އިޓާލިއާނާ އިން ވަނީ އެ މަޝްރޫއަށް 5.08 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގެ މެޑިކަލް އޮފިސާ ޑރ. ފާތުމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ އެ ފައިސާ އިން ތެލަސީމިއާ ސެންޓަރުގެ އިމާރާތް މަރާމާތުކޮށް ގާއިމުކުރަން ޖެހޭ ފެސިލިޓީތައް ގާއިމްކުރުމުގެ އިތުރުން ބައެއް ސިއްހީ އިކުއިޕްމަންޓް ގަތުމަށް ހަރަދު ކުރާނެ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިސެންޓަރުގައި ވިހެއުމުގެ ކުރިން އަދި ވިހެއުމަށް ފަހު އަންހެނުންނަށް ބޭނުންވާ އެހީ ދިނުމަށް ހާއްސަ ކްލިނިކުތަކުގެ އިތުރުން ހަކުރު ބަލި ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ހާއްސަ ކްލިނިކަކާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބޭނުންވާ ފަރާތްތަކަށް ކްލިނިކެއް ހުންނާނެ ކަމަށެވެ.

ތެލަސީމިއާ ސެންޓަރު ހުރި އިމާރާތުގެ އާބާތުރަ ފިލުވައި އިމާރާތް އާބަން ޕްރައިމަރީ ހެލްތުކެއާ ކްލިނިކަކަށް ބޭނުންވާ މިންގަނޑުތަކަށް ހެދުމަށް އެމްއެސް ކާޕެންޓްރީ އިން އެއްބަސްވެފައި ވަނީ 120 ދުވަހުގެ ތެރޭގަ އެވެ.

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝާކިރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއަދު ސޮއިކުރި ތެލަސީމިއާ ސެންޓަރުގެ އިމާރާތް މަރާމާތުކޮށް ރިނޮވޭޓްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓާ އަހުމަދު ގާސިމް އެވެ. އަދި އެމްއެސް ކާޕެންޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝާކިރު އެވެ.