މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ ހާލު ސީރިއަސް ވެގެން ފަރުވާ ދިނުމަށް އިންޑިޔާއަށް ގެންދިޔަ ހ. ހާލި، ހަސަން އާމިރު 23، އަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ. 


އާމިރުގެ ވަރަށް ގާތް ރައްޓެއްސަކު ބުނީ މިއަދު އާމިރު މަރުވީ އިންޑިޔާއަށް ގެންދިޔަ ފަހުން ވަރަށް ބޮޑަށް ހާލު ރަނގަޅުވަމުން އައުމަށް ފަހު ކުއްލި ގޮތަކަށް ކަމަށާއި މަރާބެހޭ އިތުރު މައުލޫމާތެއް އަދި އޮޅުން ފިލާފައި ނުވާ ކަމަށެވެ.


އެ އެކްސިޑެންޓުގައި ކާރެއް ދަށުވެ ޒަހަމުވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ށ. ފުނަދޫ އަޝްރަފީގޭ ޝާހީނާ ވަނީ މިދިޔަ އާދީއްތަ ދުވަހު މަރުވެފަ އެވެ. 


ހޮނިހިރު ދުވަހުގެ ރޭގެ އެކްސިޑެންޓްގައި އާމިރުގެ ނިތްކުރީގެ ކަށިގަނޑެއް ބިނދި، ބޮލުގެ ނާށިގަނުގައި ރެނދު އަޅައި ސިކުނޑިއަށް ލޭއަރާ އިތުރު އަނިޔާތަކެއް ލިބުނެވެ.


މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ދުއްވާފައިގޮސް ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ދެ މީހުންތިބި ސައިކަލެއްގައި ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކަކު އިން ސައިކަލަކުން ޖެހިގެނެވެ.


އަދި އެވަގުތު ހުޅަނގުން އިރަށް ދުއްވި ސައިކަލު އެކްސިޑެންޓްވެ ކޮންޓްރޯލުން ނެއްޓިގެން ގޮސް ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި އޮތް ކާރެއްގައިޖެހި އިތުރަށް އެކްސިޑެންޓްވެ ސައިކަލު ދުއްވަން އިން މީހާ ކާރުގެ ދަށުވެގެނެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މި އެކްސިޑެންޓާ ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވެއެވެ.